ތ. ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭމަންޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 12 މާރިޗު 2026 ގައި ކަމަށެވެ. އަދި މި މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ 04 އޭޕްރީލް 2026 ގައެވެ.
ރައީސް ވިދާޅުވީ 23 ދުވަހުގެ ތެރޭގައި ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.
ވޭމަންޑޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ އެއްބަސްވުމުގެ އިތުރުން ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް)އާއެވެ.
މި މަޝްރޫޢުގެ ދަށުން ތ. ވޭމަންޑޫއިން 27 ހެކްޓަރުގެ ބިން ހިއްކުމަށް 882،693 ކިއުބިކް މީޓަރުގެ ވެލި ވަނީ އަޅާފައެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅުގެ ރަށްތަކަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.

