logo

ޓެމޫ ދަންނަމުތަ، މިދަނީ ޓެމޫއަށް! އެކަމަކު ވަށިގަނޑު ފުރާލުމުގެ ކުރިން އިންޒާރެއް!

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 މަސް ކުރިން

އޮންލައިން ޝޮޕިންގ ޕްލެޓްފޯމް ޓެމޫ އަކީ މިހާރު ވަރަށް ޙާއްސަ ޕްލެޓްފޯމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ފަރާތްތަކަށް އެއްތަނަކުން ވިޔަފާރިކޮށްލުމަށް މިހާރު މިއީ އަދި މާ ފައްކާ ޕްލެޓްފޯމެކޭވެސް ބުނެވިދާނެއެވެ. އަލީއެކްސްޕްރެސް، ޝެއިންއާއި އެއް ހަމައެއްގައި ނަންވިދާލާ ވިޔަފާރީގެ ދުނިޔެއިން މުދާ ވިއްކާލެވޭ މި ޕްލެޓްފޯމް ދިވެހިންނާ ހަމަޔަށް ވެސް ވަނީ ފޯރާފައެވެ. ދިވެހިން އާންމުކޮށް އޮންލައިން ވިޔަފާރި ކުރަމުން އަންނަ އަލީއެކްސްޕްރެސް، އާއި ޝެއިންއަށް ޓެމޫވެސް ދޫނުދޭނެކަން ޔަގީނެވެ.

ޗައިނާގެ އެންމެ މަޝްހޫރު އެއް އޮންލައިން ޝޮޕިން ޕްލެޓްފޯމް "ޓެމޫ"އިން ރާއްޖެއަށް ޝިޕިންގެ ހިދުމަތް ފެށީ އެޕްރީލް މަހުއެވެ. ޓެމޫގެ ހިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކަށް ހަލުވިކަމާއެކު ފޯރުކޮށްދިނުމަށް، އެ ކުންފުނިން ވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ގުޅިގެން މަސައްކަތް ފަށާފައެވެ. ޕޯސްޓުގެ ނޭޝަންވައިޑް ޑެލިވަރީ ނެޓްވޯކް ޓެމޫގައި ބޭނުންކުރަން މިހާރު ވަނީ ފަށާފައެވެ.

ޙާއްސަކޮށް ޓެމޫގެ ތެރެއިން ފެންނަ އަގުހެޔޮ ސާމާނުތަކަށް މިހާރު ދިވެހިންގެ ހިތުން އޮތީ ހާއްސަކަމެއްދެވިފައެވެ. އެހެންކަނުން ޓެމޫ، ޓެމޫ، މިއީ ބާޒާރަކަށް ވަދެއްޖިއްޔާ ބުނެވޭ އެންމެ އަވަސް ބަހެވެ.

ނަމަވެސް ޓެމޫ ވާހަކަތަކާއި އަޑުތައް ހަލުވިކޮށް ފެތުރެމުން އަންނަ މި ދަޑިވަޅުގައި އެ ޕްލެޓްފޯމް ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތަކުގެ އަދަދު އިތުރުވަމުންދާތީ އެކަންވެސްވަނީ ވަރަށްބޮޑު ކަންބޮޑުވުމަކަށްވެފައެވެ. ރާއްޖޭގައި ސްކޭމްގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެކެވެ. އަދި އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ވަނީ އެދިފައެވެ.

މި ސްކޭމްތަކުގައި ހިމެނެނީ ސައްހަނޫން ވެބްސައިޓްތައް ހެދުމާއި، ފިޝިންގ މެސެޖްތައް ފޮނުވުމާއި، އަދި މި ލިންކްތައް މެދުވެރިކޮށް ޕޭމަންޓް މައުލޫމާތު ހޯދުން ފަދަ ކަންކަމެވެ. އެގޮތުން ޓެމޫގެ ކޮޕީއަށް ބަލައިގެން މިފަދަ ލިންކްތައްވެސް ސްކޭމަރުން ދަނީ ފޮނުވަމުންނެވެ.

ފާހަގަކުރެވިފައިވާ މައިގަނޑު ސްކޭމްތަކުގެ ތެރޭގައި ހިމެނެނީ، ފިޝިންގ މެސެޖްތަކާއި އީމެއިލްތައް، ކްރެޑިޓް ކާޑު ސްކޭމްތައް އަދ ޓޫޑީ ކާޑު ސްކޭމްތަކެވެ.

ފިޝިންގ މެސެޖްތަކާއި އީމެއިލްތަކަކީ ޓެމޫ ނުވަތަ ކޫރިއަރ ސަރވިސްތަކުން ފޮނުވާ މެސެޖްތަކެއް ކަމަށް ދައްކުވައިދޭ ސައްހަނޫން މެސެޖްތަކެވެ. މި މެސެޖްތަކުގައި އާންމުކޮށް ހިމެނެނީ އޯޑަރގައި މައްސަލައެއް ހުރިކަމަށް ނުވަތަ އިތުރު ޗާޖެއް ދައްކަންޖެހޭކަމަށް ބުނެ، ޒާތީ ނުވަތަ މާލީ މައުލޫމާތު ހޯދުމަށް އެދޭ ލިންކްތަކެވެ.

ކްރެޑިޓް ކާޑު ސްކޭމްތަކުގައި، ސައްހަނޫން ވެބްސައިޓްތަކުގައި ނުވަތަ ފިޝިންގ އީމެއިލްތަކާއި އިޝްތިހާރުތަކުގައި ފައިސާ ދެއްކުމުގައި މައްސަލައެއް އުޅޭކަމަށް ބުނެ އޮޅުވާލައި، ކްރެޑިޓް ކާޑު މައުލޫމާތު ހޯދައެވެ.

ޓޫޑީ ކާޑުތަކަށް އިތުރު އޮތެންޓިކޭޝަން ބޭނުންނުވާތީ، ސްކޭމަރުންނަށް މި ކާޑުތައް ފަސޭހައިން ހެކްކޮށްލެވެއެވެ. ބޭނުންކުރާ ފަރާތްތަކުން ނޭނގި ފިޝިންގ ސައިޓެއްގައި ކާޑުގެ މައުލޫމާތު ފުރުމުން، ސްކޭމަރުންނަށް މި މައުލޫމާތު އިތުރު ވެރިފިކޭޝަނެއް ނެތި އޮންލައިން ޕޭމަންޓް ހެދުމަށް ބޭނުންކުރެވެއެވެ.

މި ސްކޭމްތަކުން ރައްކާތެރިވުމަށް، ސަމާލުކަންދޭންވީ ކަންތައްތަކަށް ބަލާލާއިރު، ނޭނގޭ ނުވަތަ ޝައްކުވާ ފޯނު ނަންބަރުތަކުން އަންނަ މެސެޖްތަކަށް ސަމާލުވުމާއި، ޓެމޫގެ ރަސްމީ ސައިޓަށް ނުދާ ލިންކްތަކަށް (ނަން ގޯސްކޮށް ނުވަތަ އަކުރެއް ނަންބަރެއް ބަދަލުކޮށްފައި ލިޔެފައި ހުންނަ ލިންކުތަކަށް ނުވަތަ އާދަޔާ ޚިލާފު ޑޮމެއިންތަކަށް) ސަމާލުވުން މުހިއްމެވެ. އަދި ޕާރސަލް ލިބިފައި ނުވޭ" ނުވަތަ "ޑެލިވަރީ އެޑްރެސް ރަނގަޅު ނޫން" ނުވަތަ "ވަގުތުން ފިޔަވަޅު އަޅަންޖެހޭ" ފަދަ ބަސްތަކަށް ސަމާލުވާންޖެހެއެވެ.

މީގެ އިތުރުން، ރީތިކޮށް ފަރުމާކޮށްފައި ނުހުންނަ ވެބްސައިޓްތަކަށް ސަމާލުވެ، ވަރުގަދަ ޕާސްވޯޑަކާއި ޓޫ-ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރުމަށް އިސްކަންދޭންޖެހެއެވެ.

ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ، ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުން، ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން، އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެޓްފޯމަށް ރިޕޯޓުކުރުން، ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން އަދި އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރުމެވެ.

އޮންލައިން ޝޮޕިންގ ކުރާއިރު ރައްކާތެރިވުމުގެ ގޮތުން އޮންލައިން ޝޮޕިންގއަށް ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުމާއި ކްރެޑިޓް ކާޑު ނުވަތަ ވާރޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން އަދި އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓޯރ ނުވަތަ އެޕަލް އެޕް ސްޓޯރ) ކަން ކަށަވަރުކުރުމުގެ އިތުރުން އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިންގ ސޮފްޓްވެއަރ ބޭނުންކުރުމަކީ އެޅިދާނެ ފިޔަވަޅުތަކެކެވެ.

އޮންލައިން ޝޮޕިންގ ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގޭ ސްކޭމްތަކާމެދު ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ. އާންމުން މި ކަމަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅެވެ. އަދި ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވަގުތުން ފިޔަވަޅު އެޅުމާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަކީ އެހެން މީހުންވެސް މިފަދަ ކަންކަމުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ad