ހުޅުމާލޭ ހިއްކައި، ތަރައްގީ ކޮށްފައިވާތާ އެތައް އަހަރެއް ވީއިރު ވެސް އެތަން އޮތީ "ނިދަން އަރާ ހާއްޔެއް" ގޮތަށް ކަމަށާއި އެކަމަކު ރަސްމާލޭ ތަރައްގީކޮށް، މި ސަރުކާރުން ކުރަން އުޅޭ ކަމަކީ އެ ތަންތަނަކީ ހަމައެކަނި ނިދަންއަރާ ތަންތަން ކަމަށް ދެކޭ ގޮތް ބަދަލުކުރަން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ ހުޅުމާލެ ހިއްކައި އެ ތަނުގައި މީހުން އާބާދުވެ، ދިރިއުޅެން ފެށި ފަހުން އޮގަސްޓް 2018 ގައި އަހަރު ސިނަމާލެ ބްރިޖު އެޅެންދެން ވެސް ހުޅުމާލެއަކީ ނިދަން އަރާ ހާއްޔެއް ކަމަށެވެ. އަދި މިއަދު ވެސް އެ ތަނުން ބްރިޖު ހުރަސްކޮށް، 60،000 އަށް ވުރެ ގިނަ މީހުން ވަޒީފާއަށް މާލެއަށް އަންނަ ކަމަށާއި އެ ތަނުގައި ވަޒީފާގެ ފުރުސަތުތަކާއި އާމްދަނީ ހޯދޭނެ ގިނަ ފުރުސަތުތަކެއް އަދިވެސް ނެތް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
"މިއަދު ވެސް އެ ތަނުގައި ބްރިޖު ހުރަސްކޮށް 60،000 މީހުން ވަޒީފާއަށް މާލެއަށް އެބައާދޭ. އަދިވެސް ހުޅުމާލޭގައި ވަޒީފާގެ ފުރުސަތުތަކާއި އާމްދަނީ ހޯދުމުގެ މާ ގިނަ ފުރުސަތުތަކެއް ނެތް. އަޅުގަނޑުމެން މި އުޅެނީ ދިވެހި ރައްޔިތުންނަށް ހައްގުވާ މިންވަރަކީ ހަމައެކަނި ނިދަން އަރާ ތަނެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި ރަސްމާލޭ ތަރައްގީ ކުރަނީ އެ ވިސްނުމުގެ ދަށުންނެވެ. އެ ރަށް ތަރައްގީ ކުރުމުން، ވަޒީފާގެ ފުރުސަތުތަކާއި އާމްދަނީ ލިބޭނެ މަގުތައް ފަހިވެ، ހިދުމަތްތައް ހޯދުމަށް މާލެއަށް އަންނަން ޖެހޭ ޖެހުން، ނިމުމަކަށް އަންނާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
"އެތަނަކުން ވަޒީފާ ލިބި، އެތަނަކުން އާމްދަނީ ލިބޭނެ ގޮތެއް ލިބި، މި ފުރަ މާލެއަށް ހިދުމަތް ހޯދަން އަންނަން ނުޖެހޭ ކަހަލަ ގޮތަކަށް ތަނެއް ތަރައްގީކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅު ދޫކުރި ގޮތަށް ރަސްމާލެއިން ގޯތި ދޫކޮށްފި ނަމަ ކުރިއަށް އޮތް 40 އަހަރު ވެސް ރަސްމާލެ ތަރައްގީ ނުވާނެ ކަމަށެވެ.
"އެތަން ތަރައްގީ ކުރަން ބޭނުންވަންޏާ އިބްރާހިމް މުހައްމަދު ސޯލިހު ގުޅިފަޅުން ގޯތި ދިން ގޮތަށް ވިޔަފާރިއެއް ކުރާނެ އާމްދަނީއެއް ހޯދާނެ އެއްވެސް ގޮތެއް ނެތި، ރަސްމާލެއިން ގޯތި ދޫކޮށްފި ކަމަށް ވަންޏާ ކުރިއަށް އޮތް 40 އަހަރު ވެސް އެތަން ތަރައްގީއެއް ނުވާނެ."
ރަސްމާލޭގައި އިގްތިސާދެއް ގާއިމުކުރައްވާނެ ކަމަށާއި ވަޒީފާގެ ފުރުސަތުތައް ބޭނުންވާ މީހުންނަށް އެ މަގު ވެސް ފަހިކޮށްދޭނެކަން ފާހަގަކުރައްވަމުން މިނިސްޓަރ މުއްތަލިބު ވިދާޅުވީ އެ ތަނުގައި ހަމަޖެހިގެން ދިރިއުޅެވޭނެ މަގެއް ފެނިގެންދާނެ ކަމަށެވެ. އަދި 500 ހެކްޓަރު ބިމަކީ ހުޅުމާލެ 1 އާއި 2 އެއްކޮށްލުމުން، އެ އަށް ވުރެ ބޮޑު ތަނެއް ކަމަށާއި އެ ތަނުގައި މާލޭ ސަރަހައްދުން ބޯހިޔާވަހިކަން މިހާ ތަނައް ނުދެވޭ އެންމެނަށް ބޯހިޔާވަހިކަން ދިނުމަށް ޖާގަ އޮންނާނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަސްމާލެ މަޝްރޫއުއަށް ހުރަސް އެޅުމަކީ ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ ތަނަވަސް ކަމަށް ހުރަސް އެޅުމެވެ.
"500 ހެކްޓަރަކީ ހުޅުމާލެ 1 އާއި 2 އަކާއި އެއްކޮށްލީމަ އެ އަށް ވުރެ ބޮޑު ތަނެއް. އެ ތަނުން މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ނުދެވޭ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ދެވޭނެ. އެހެންވީމަ އެއާ އެކު އެ އުފެދޭ އިގްތިސާދަށް ހުރަސް އެޅުމަކީ ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ ތަނަވަސްކަމަށް ހުރަސް އެޅުން،" މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.
"މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ރަސްމާލޭގައި ބޮޑު މަޝްރޫއެއް ހިންގަން ޔޫއޭއީގެ ރިއަލް އެސްޓޭޓްގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އީގަލް ހިލްސްއާ އެކު ސަރުކާރުން ވަނީ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެއީ 500 ހެކްޓަރުގެ ސަރަހައްދެއްގައި 20 ބިލިއަން ޑޮލަރުގެ "ވޯޓަ ފްރަންޓް އެންޑް މެރީނާ" މަޝްރޫއެއް 10 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ. އަދި އެ މަޝްރޫއުގެ ދަށުން ދިރިއުޅޭނެ ގެދޮރާއި ހޮޓާތަކާއި ރިސޯޓުތަކާއި މެރީނާގެ އިތުރުން ފިހާރަތަކާއި އޮފީސްތަކާއި ތައުލީމީ އަދި ސިއްހީ ހިދުމަތްދޭ މަރުކަޒުތައް ގާއިމުކުރުމަށް ވަނީ ޕްލޭންކޮށްފަ އެވެ.

