ސިިފައިންގެ މިލިޓަރީ އިންޖިނޭރުން ތ.ދިޔަމިގިލީ ސްކޫލްގައި 3 ބުރީގެ އިމާރާތެއް އަޅާދީފި އެވެ.
10 ކުލާސްރޫމް ހިމެނޭ މި އިމާރާތިގެ މަސައްކަތް އެމްއެންޑީއެފް ސާވިސް ކޯގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ) ފެށީ މި އަހަރުގެ މާރިޗު 31ވަނަ ދުވަހު އެވެ. އެ އިމާރާތުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.
235 ދުވަހުގެ ތެރޭގައި މި އިމާރާތް ނިންމާލި އިރު ކުރިން ނިންމާފައި ހުރި އިމާރާތުގެ ސްޓްރަކްޗަރއަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކޮށް އިތުރު ކޮލަމްތައް ޖަހާ ސްޓްރަކްޗަރ ވަރުގަދަ ކުރުމާ އެކު އިމާރާތުގެ ކޮންކްރީޓް މަސައްކަތްތަކާއި، ރޭނުމާއި ސިމެންތި ޖެހުމާއި، ކުލަލުމާއި، ފުރާޅުގެ މަސައްކަތްތަކާއި، ކްލާސްރޫމްތަކާއި، ފާހާނާތައް ހަދާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެގޮތުން ސިޑިގޮޅި ސީލިންގްކޮށް ތަށިމުށި ޖެހުމުގެ އިތުރުން ކޮރިޑޯތަކާއި ސިޑިތަކުގައި ރެއިލިން ހަރުކޮށް ދަވާދުލުމާއި، ފާހާނާތައް ފެންވައިރުކޮށް، ފާހާނާ ހޮޅި އަޅައި، ތަށިތަކާއި ފާހާނާގެ އެހެނިހެން ބައިތައް ހަރުކުރުމާއި، ކަރަންޓް ނަރުތައް އެޅުމާއި، ބޮކިފަންކާ، ޑީބޯޑު ފަދަ އެންމެހާ ބައިތައް ހަރުކުރުމާއި، އައިސީޓީއަށް އަޅަންޖެހޭ ނަރުތައް އެޅުމާއި، ސާވާރެކް ޕީއޭ ސިސްޓަމް ފަދަ އެންމެހާތަކެތި ހަރުކުރުން ފަދަ ހުރިހާ މަސައްކަތެއް ވަނީ ނިމިފައެވެ. އަދި މީގެ އިތުރުން ފަޔާ އެކްސްޓިންގްއިޝާ ހަރުކުރުމާއި، ސްކޫލް ނަންބޯޑު ހަރުކުރުން ފަދަ މަސައްކަތްތައް ވެސް ކޮށްފައިވަކަމަށް ސިފައިން ބުނެ އެވެ.
މި މަސައްކަތްތައް ކުރިއަށްދިޔަ އިރު ފެށުނީއްސުރެ މަސައްކަތް އެއްކޮށް ނިމެންދެންހެން ތ. ދިޔަމިގިލީ އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމާކާއި ތަރުހީބެއް ވަނީ ލިބިފައިވާކަން ސިފައިން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ބައެއް މަސައްކަތްތަކުގައި ސިފައިންނާ އެކު ޢަމަލީގޮތުން މަސައްކަތުގައި ބައިވެރިވުމާއި، ސިފައިންނަށް އެކިއެކިގޮތްގޮތުން އެހީ ފޯރުކޮށްދީފައި ވާކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.
މި މަސައްކަތް ފުރިހަމަކޮށް ނިންމުމުގައި އެމްއެންޑީއެފް ސާވިސް ކޯރގެ ސިފައިންނަށް އެ ކޯގެ ސިގްނަލްސްއާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނަރސް (އީއެމްއީ)ގެ ސިފައިންގެ ޓެކްނިކަލް އެހީތެރިކަމާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންގެ ބޮޑު އެހީތެރިކަމެއް ވެސް ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

