2023 ވަނަ އަހަރުން ފެށިގެން ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަގުހެޔޮކޮށް ސައިކަލު ވިއްކާކަމަށްބުނެ އޮޅުވާލައިގެން ގިނަ ބައެއް އަތުން ފައިސާ ނެގުމަށްފަހު، އެ ފައިސާ ޓަކައިގަނެފައިވާ މައްސަލާގައި ދައުވާ އުފުލައިފިއެވެ.
ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައުވާ ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނީ 26 ނޮވެންބަރު 2026 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން ދައުވާތަކުގެ ތެރޭގައި ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، ދ. ބަނޑިދޫ، ޕޯލާރގްރޭސް، އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު (ޤާނޫނު ނަންބަރު: 9/2014) ގެ 212 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 3 ވަނަ ނަންބަރާ ޙަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ ދަށުން. ޓެކުމުގެ ކުށުގެ 139 (އެއް ސަތޭކަ ތިރީސް ނުވައެއް) ދަޢުވާ އުފުލާފައިވާ ކަމަށެވެ.
އަޙްމަދު ޢާޠިފް ޙަސަން، ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ، އެ ކުންފުނި މެދުވެރިކޮށް އަގުހެޔޮކޮށް ސައިކަލު ވިއްކާކަމަށް ދައްކުވައިގެން އެކި މީހުން އަތުން ފައިސާ ނަގައި، ސައިކަލު ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްނުކޮށް އެ ފައިސާއިން އިތުރު ތަޞައްރުފުކޮށް، ސައިކަލު ދީފައިނުވާތީއާއި ފައިސާވެސް އަނބުރާ ރައްދުކޮށްފައިނުވާތީ ކަމަށާއި، މި ދަޢުވާތަށް ސާބިތުވާ ޙާލަތުގައި އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށް މަދުވެގެން 133 އަހަރާއި، 4 މަހާއި، 24 ދުވަހުގެ ޖަލު އަދަބު ކަނޑައެޅޭނެ ކަމަށެވެ.
ި ދަޢުވާތަކާ ގުޅިގެން ބަދަލުލިބޭ ވަކިވަކި މީހުންނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 6,250,420.12ރ (ހަ މިލިއަން ދެ ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ވިހި ރުފިޔާ ބާރަ ލާރި) އަޙްމަދު ޢާޠިފް ޙަސަން އަތުން ނަގައިދިނުމަށް އެދިފައިވާނެ ކަމަށެވެ. މި ދަޢުވާތައް ހުށަހަޅާފައިވާނީ، ސައިކަލު ވިއްކުމަށް ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިގައި ވަކިން ކަމަށާއި، އަދި އެހެންކަމުން މި ދަޢުވާތަށް ސާބިތުވާ ޙާލަތުގައި 139 ދަޢުވާއަށް، ކޮންމެ ދަޢުވާއަކަށް ވަކިން އަދަބު ކަނޑައެޅޭނެ ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.
އަދި މި މައްސަލާގައި ބަދަލުލިބޭ އިތުރު 11 މީހެއްގެ ބައި އިތުރަށް ތަޙުޤީޤުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލަފާދީފައިވާނެ ކަމަށެވެ. އެ ބައިތަކުގެ ތަޙުޤީޤު ނިމުމުން އެ ބައިތަކުގައި ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.


