logo

ސީރިއާގެ ރައީސް އަލް-ޝަރާ ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގެންފި

އާޝިޔާ ޞާލިޙް
އާޝިޔާ ޞާލިޙް
17 ދުވަސް ކުރިން

ސީރިއާގެ ރައީސް އަޙްމަދު އަލް-ޝަރާ، ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގެންފިއެވެ. އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން މިކަން ކަށަވަރުކޮށްދީފައިވާއިރު، މި ދަތުރާމެދު އެމެރިކާއިން ކުރާ އެންމެ ބޮޑު އުންމީދަކީ އައިއެސްއައިއެލް ނުވަތަ އައިއެސް އާ ދެކޮޅަށް އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ ކޯލިޝަނަށް ސީރިއާގެ ބައިވެރިވުންވެސް ލިބުމެވެ.

އަލް-ޝަރާ އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީއަށް ވަޑައިގެންފައިވަނީ ހޮނިހިރު ދުވަހުގެ ރޭގައެވެ. އެއާއެކު ސީރިއާގެ ހޯމް މިނިސްޓްރީން ވަނީ، އައިއެސްއައިއެލްގެ ސެލްތަކަށް އަމާޒުކޮށް، މުޅި ޤައުމުގައި "ބޮޑު ސެކިއުރިޓީ އޮޕަރޭޝަނެއް" ފަށާފައިވާކަން އިއުލާނުކޮށްފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ސީރިޔާގެ ކުރީގެ ވެރިޔާ ބައްޝާރު އަލް-އައްސަދު ވެރިކަމުން ދުރުކުރި ފައުޖުތަކުގެ ލީޑަރުގެ ގޮތުގައި ހުންނެވި އަލް-ޝަރާ، ހޯމަ ދުވަހު ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ 1946 ވަނަ އަހަރު ސީރިއާ މިނިވަންވީ ފަހުން އެ ޤައުމުގެ ރައީސަކު އެމެރިކާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މޭ މަހު ރިޔާޟްގައި ޓްރަމްޕްއާ ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވި އަލް-ޝަރާގެ ނަން މިހާރުވަނީ އެމެރިކާގެ ޓެރަރިސްޓުންގެ ލިސްޓުން އުނިކޮށްފައެވެ.

ސީރިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ މަންދޫބު ޓޮމް ބެރެކް މި މަހުގެ ކުރީކޮޅު ވިދާޅުވެފައިވަނީ، އައިއެސްއައިއެލްއާ ދެކޮޅަށް އެމެރިކާ އިސްކޮށް ހިންގާ ބައިނަލްއަޤްވާމީ ކޯލިޝަނާ ގުޅުމުގެ އެއްބަސްވުމެއްގައި، މި ދަތުރުގެ ތެރެެއިން އަލް-ޝަރާ ސޮއިކުރައްވާނެ ކަމަށެވެ.

ރޮއިޓާސް އަދި އޭއެފްޕީ ނިއުސް އެޖެންސީތަކުން ބުނާ ގޮތުގައި، ވޮޝިންޓަން އިން ދަނީ ސީރިއާއާއި އިޒްރޭލާ ދެމެދު އެމެރިކާ މެދުވެރިވެގެން ހަދަމުންދާ ސެކިއުރިޓީ އެއްބަސްވުމަކަށް މަގުފަހިކުރުމަށްޓަކައި، ދަމަސްކަސްގައި ހުންނަ ވައިގެ އަސްކަރީ މަރުކަޒެއްގައި އަސްކަރީ ބާރުތައް ޤާއިމުކުރުމަށް ވެސް ތައްޔާރުވަމުންނެވެ.

އަލް-ޝަރާ ވެސް އުންމީދު ކުރައްވާ ކަމަށް ބެލެވެނީ، 13 އަހަރުގެ ނުރައްކާތެރި ދާޚިލީ ހަނގުރާމައަށް ފަހު އަލުން ސީރިއާ ބިނާކުރުމަށް މާލީ އެހީ ހޯދުމަށެވެ. ވޯލްޑް ބޭންކުން ލަފާކޮށްފައިވާ ގޮތުގައި، ސީރިއާ އަލުން ބިނާކުރުމުގެ ޚަރަދަށް މަދުވެގެން 216 ބިލިއަން ޑޮލަރު ބޭނުންވާނެއެވެ.

އަލް-ޝަރާ ވޮޝިންޓަން ޑީސީއަށް ދަތުރުކުރައްވާފައި މިވަނީ، ސެޕްޓެމްބަރު މަހު އޭނާ އދ. އަށް ކުރެއްވި ތާރީޚީ ދަތުރުފުޅަށް ފަހުގައެވެ. އެއީ އެމެރިކާގެ ބިމަށް އޭނާ ފުރަތަމަ ފަހަރަށް ވަޑައިގެންނެވި ދަތުރުފުޅެވެ. އެ ދަތުރުފުޅުގައި އޭނާ ވަނީ ނިއުޔޯކްގައި އޮތް އދ. ގެ ޢާންމު މަޖިލީހުގައި ތަގުރީރުކުރައްވާފައެވެ. އެއާއެކު އޭނާ ވެގެން ދިޔައީ ފާއިތުވީ 60 އެއްހާ އަހަރުތެރޭ އދ ގެ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވި ސީރިއާގެ ފުރަތަމަ ރައީސަށް ވެފައެވެ.

ހޮނިހިރު ދުވަހު ސީރިއާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސީރިއާގެ ސެކިއުރިޓީ ފައުޖުތަކުން ވަނީ އައިއެސްއައިއެލްގެ ސެލްތަކަށް އަމާޒުކޮށް މުޅި ޤައުމުގައި 61 ރެއިޑް ހިންގާފައެވެ.

ސީރިއާގެ ހޯމް މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ، އެ ރެއިޑުތަކުގައި މަދުވެގެން 71 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، ގޮވާ ތަކެއްޗާއި ހަތިޔާރުތައްވެސް ހޯދާފައިވާ ކަމަށެވެ.

ސީރިއާގެ ސަނާ ނިއުސް އެޖެންސީން، މިނިސްޓްރީއާ ޙަވާލާދީ ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަންތައް ހިންގާފައިވަނީ ޙަލަބު، އިދްލިބު، ޙަމާ، ޙިމްސް އަދި ދަމަސްކަސްގެ ވަށައިގެންވާ ސަރަޙައްދުތަކުގައެވެ. އަދި މި ކެމްޕޭނަކީ "ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި، ޢާންމު ސަލާމަތް ރައްކާތެރިކުރުމަށް ކުރަމުންދާ ޤައުމީ މަސައްކަތްތަކުގެ" ބައެއް ކަމަށް ވެސް ބުނެފައިވެއެވެ.

ad