އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ޖެނެރަލް ސެކްރެޓަރީ އިބްރާހިމް ޝާޒް (ބޯޑޭ) އަށް އިޒްރޭލުން ކުރިމަތިވެދާނެ ނުރައްކާތައް އެނގި ޣައްޒާއަށް އަރައިގަތުމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގައި އޭނާ ދަތުރު ފެށި ހިސާބުންވެސް ނުރައްކާއޮތް މިންވަރު އޭނާ އަށް ވަޒަންކުރެވުނެވެ. އޭނާ މިކުރާ ދަތުރުގަ އެކި ޤައުމުތަކުގެ ސިޔާސީ ފަރާތްތަކާއި، ޤާނޫނީ ވަކީލުންނާއި، ފަލަސްޠީނުގެ އެކްޓިވިސްޓުންވެސް ހިމެނެއެވެ. މި މިޝަންގައި ރާއްޖެ ތަމްސީލް ކުރައްވަނީ ޝާޒެވެ.
ފްލޮޓިއްލާގެ އުޅަނދުތައް ޣައްޒާ އާއި ދިމާލަށް
މިހާ ހިސާބުން ސުވާލަކަށް ޖެހިލާނަމެވެ. މުސްލިމުންގެ ލެއިން ހައިހޫނުކަން ފިލުވަމުންދާ ފޭރޭ ބައިގަނޑެއްގެ ގޮތްނޭނގޭ ޖަލުތަކުގެ ތެރެއަށް މެހެން އެއްވެސް މީހަކު ބޭނުންވާނެތޯ! އެނގިހުރެ މަރުވާން ދަރިންނާއި އަނބިން ދޫކޮށްފަ ދާން އެއްވެސް މީހަކު ބޭނުންވާނެތޯ! ދަތުރަށް ރެޑީވާއިރުވެސް ސީދާ މަރު ނޫނީ އިޒްރޭލުގެ ގޮތް ނޭގޭ ޖަލުގެ އެމީހުންގެ ލާއިންސާނީ އަނިޔާ އަށް މެހި ގުނަނުތަކުން ހަންދަމަން ބޭނުންވާނެ މީހަކު ހުންނާނެ ކަމާއި މެދު ޝައްކެވެ.
އެކަމަކު އިންސާނީ ނަޒަރުން ވިސްނާލަންޖެހެއެވެ. އެންމެން ބަލަން ތިއްބާ ގައުމެއްގެ ދިރިހުރި ހުރިހާ ފުރާނަތަކެއް ރަހްމެއްނެތި ބޮން އަޅާ ޝަހީދު ކޮށްލަނީއެވެ. އަމިއްލަ ގެދޮރަށް ވަދެ ފިރިން ބަދެ ކަސްތޮޅު އެޅުވުމަށްފަހު އެމީހުންގެ އަންހެނުންނާއި އަންހެންދަރިންގެ އިއްފަތްތެރިކަން ފޭރިގަންނަނީ އެވެ. އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން ތިބީ ހާލުގައެވެ. މުޅި ދުނިޔެ ގޮވަގޮވާ ތިއްބާ ކުށެއްނެތް އެތައްބަޔަކު ލޮލުން ލޭކަރުނަ ހިލުވާލަނީ ރަހްމުގެ ކަންފުޅެއްވެސް ނެތިއެވެ. މިއަދު ފަލަސްތީނުގެ ރައްޔިތުން ހައިހޫނުމުކަމުގަ ޖައްސަމުން އެ ބައިގަނޑު އެ ދަނީ ނުކުޅެދޭ ބަޔަކަށް އެ މައުސޫމް ރައްޔިތުން ހަދަމުންނެވެ. މިއަދު ހާލަތަކީ ފަލަސްތީނުގެ ރައްޔިތުންގެ އަތެއް ހުރިއްޔާ ފަޔެއް ނެތް ކަމެވެ. ފައި ހުރިއްޔާ ދެފައި ހަމައެއްނޫން ކަމެވެ. މިއީ ބަލަންތިއްބާ ބަޔަކު ގަސްތުގަ އިންސާނިއްޔާތު ކަމެއްނެތި އުންމަތެއް ނެތިކޮށް ނުކުޅެދުންތެރި ކޮށްލުމަށް ދެމުންދާ ލާ އިންސާނީ އަނިޔާއެވެ. އެކަމަކު އޭނާ ނުކުތީ އަނބި ދަރިން ދޫކޮށްފައެވެ. ކޮންމެފަދަ ޤުރުބާނީއެއްވެސް ވާން ތައްޔާރަށެވެ. އަތްފަތް ކޮށާލިއަސް އަހަރެންހުރީ މުޅި އުންމަތުގެ ދިފާއުގައި ކަމަށްބުނެއެވެ. އެއީ ދިވެހި ދަރިއެވެ.
މިއަދު މާސިންގާ ބިޔަ ކަޅު އަދިރި ގޮތްނޭގޭ ކަނޑުތައް ހުރަސްކޮށް ގަދަ އޮއިބާނިތަކާއިއެކު ބިރެއް ޖެހިލުމެއްނެތި އޭނާ އެ އެދަނީ ދުނިޔޭގެ އެންމެ ނުކަޅަދާނަ ބައިގަނޑާއި ހަމަލާއަށް ބިރެއްނެތިއެވެ. މިނިކާ ސިންގާތަކެއްފަދަ މުސްލިމުންގެ ލެއަށް ފޮން ބޮވިގެންފައިވާ އަދާވާތްތެރި އިޒްރޭލުގެ ނުލަފާ ޖައްބާރުންނާއި ކުރިމަތިލުމަށެވެ. އެ ނުލަފާ ހައިވާނުންނަކީ ކޮންބައެއްކަން އެގިހުރެވެސް އެދަތުރަށް އޭނާ ތައްޔާރުވީ އީމާން ހިތަކައިގެން ނޫން އެހެން ކޮންކަމެއް ހާސިލް ކުރަން ކަމަށް ފާޑުކިޔާ މީހުން އެދަނީ ސީދާ އިޒްރޭލުގެ ބަޑި އާއި ބޮމަށްވުރެ ނުލަފާ ތީރުތަކުން ޝާޒް ހިތް މަރާލަމުންނެވެ.
ތީ ކާކު؟ ދިވެއްސަކަށް ކުރެވޭނީ ކޮން ކަމެއް؟ އެއީ ކޮންމެވެސް ކަމެއް ފޮރުވާލުމަށް އެ މަސައްކަތް ކުރަނީ؟ ހައިރާންވޭ ބޮޑު އޮޅުވާލުމެއް. މިއީ ޝޯޝަލް މީޑިއާގައި ގްލޯބަލް ސުމޫދު ޕޮލިޓިލާގެ ދަތުރުގައި ބައިވެރިވި ދިވެހި ބަތަލަށް ދިވެހިން ކޮށްފަ ހުރި ކޮމެންޓްތަކެވެ. އަހަރެން ހިތައްއެރީ މިއީ ހަމަ ދިވެހިންބާވައެވެ. އުންމަތުގެ ލޯބި ކޮބާ ބާވައެވެ. އިޒްރޭލުގެ ދިދަ ގަސްތުގަ މިމހުން ވިހުރަނީ ބާވައެވެ. ހަމަހިލާ އެހެނަކުން މި ގައުމުގަ ނުވާނެއެވެ. ޝާޒް އެވެ. ތިބާ ފަދައިން އަހުރުމެންވެސް މިތިބީ ތިބާ ތިކުރާ މަސައްކަތަށް ހިތްވަރަކަށެވެ. ހަންދަމާލިޔަސް ނޮޅާލިޔަސް ދޫ ނުދޭށެވެ. ގައުމާއި ދީނާއި އުންމަތުގެ ދިފާއުގަ ހަށިފޮޅާލާ ނުކުންނަ މީހާ އަށްވުރެ އާޙިރުގަ މޮޅު މީހަކު ވަކި ނުހުންނާއެވެ.
މިދަތުރުގެ މައިގަނޑު މަގްސަދު
ބައިނަލްއަގުވާމީ އެކްޓިވިސްޓުންނާއި އެންޖީއޯތައް ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގެ މަގްސަދަކީ އިސްރާއީލުން ޣައްޒާއަށް ހުރަސް އެޅި ހުރަސްތައް ނައްތާލައި އިންސާނީ އެހީ ފޯރުކޮށްދިނުމެވެ. މި ދަތުރުގައި 44 ގައުމަކުން ވަނީ ބައިވެރިވެފައެވެ. މި ފްލޮޓިލާގައި އޮސްޓްރޭލިއާ، ބްރެޒިލް، ދެކުނު އެފްރިކާ އަދި ޔޫރަޕްގެ ގިނަ ގައުމުތަކެއް ވެސް ބައިވެރިވިއެވެ.
ފްލޮޓިލާ އަކީ ކޮބައި ހެއްޔެވެ؟
ފްލޮޓިލާ އަކީ ކާބޯތަކެއްޗާއި ބޭހާއި އެހެނިހެން ވަސީލަތްތައް ފަދަ މުހިންމު ސާމާނު އިމަޖެންސީ ހާލަތްތަކުގައި އުފުލުމަށް ތައްޔާރުކޮށްފައިވާ ބޯޓު ނުވަތަ އުޅަނދުތައް އެއްކޮށްލާ ފްލޯޓިލާ އެކެވެ. މިފަދަ އޮޕަރޭޝަންތައް އާންމު ގޮތެއްގައި ގާއިމް ކުރަނީ ވައިގެ މަގުތަކާއި އެއްގަމު މަގުތައް ފަދަ އާދައިގެ ސަޕްލައި ޗެނަލްތަކަށް ބުރޫ އަރާ ނުވަތަ ނުލިބުމުންނެވެ.
"ގްލޯބަލް ސުމުދް ފްލޮޓިލާ" ގައި ހުރީ ޣައްޒާގެ ތުއްތު ކުދިންނަށް ދޭން ގެންނަ ބުއްދަޅުތަކާއި، ކާބޯތަކެއްޗާއި، ބޯފެނާއި، ބޭހުގެ ސާމާނެވެ. އިސްތިއުމާރީ ބާރުން ޣައްޒާ ވަށައިގެން ބަންދުކޮށްފައި އޮތުމުގެ ސަބަބުން ކާނޭ އެއްޗެއް ނުލިބި ޣައްޒާއިން މީހުން ބަނޑަށް މަރުވާން ފަށާފަވުމުން ފްލޮޓިލާ އެންމެފަހުން ނުކުތީއެވެ. ބޮޑު މުޖުރިމު ނަތަންޔާހޫ އިޒްރޭލުގެ ސިފައިންނަށް އަންގާފަވަނީ އެއްވެސް ހާލެއްގައި އެހީގެ ސާމާނު ގާޒާ ސިޓީއަށް އެތެރެވިޔަ ދީގެން ނުވާނޭ ކަމަށެވެ.
ފްލޮޓިލާ ދަތުރުގެ ތެރެއިން
އިސްތިއުމާރީ ސިފައިން "ގްލޯބަލް ސުމުދް ފްލޮޓިލާ"، ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ވަނިކޮށް، ބޯޓުތަކަށް ހަމަލާދީ ގައުމުތަކުގެ ރައްޔިތުން ހައްޔަރުކުރާނެ ކަން ދަތުރަށް ރެޑީވިއިރުވެސް އެ މެންބަރުންނަށް ކަށަވަރުވިއެވެ. ގިނަ ބޯޓް ތައް ހައްޔަރު ކުރެވިފައިވާއިރު ދިވެހި މީހާ ހުރި ބޯޓް ވަނީ އައްސޭރިފަށުގެ ރަށަކަށް މަޑުކޮށްފައެވެ. މިފަދަ ދަތުރެއްގެ ގިނަ ޕްލޭންތަކެއް ހުންނާނެއެވެ. ޕްލޭން އޭ ބީ، ނެތި މިފަދަ ދަތުރެއް ނުފަށާނެކަން ދަންނަން ޖެހެއެވެ. މި ފްލޯޓިލާތަކުން ދަތުރު ކުރަމުންދަނީ ގައުމުތަމުގެ މަޖިލިސް މެމްބަރުންނާއި ވަކީލުންނާއި، އިންސާނީ ހައްގުތަކަށް ވަކާތުކުރާ އެކްޓިވިސްޓުންނެވެ. މި މީހުންނާއި އެކު ބޯޓްތައް ހިފަހައްޓާފައި ވުމުން އެކަމާ ދެކޮޅު ހަދައި ނުރުހުން ފާޅުކުރުމުގެ މުޒާހަރާތައް މުޅި ދުނިޔޭގައި މިހާރުވަނީ ފެށިފައެވެ.
ޔޫރަޕްގެ ގައުމުތަކާއި، އެފްރިކާ އަދި މެދުއިރުމައްޗާއި، އޭޝިޔާގެ ގައުމުތަކުގެ އާންމުންވެސް މަގުތަކަށް ނުކުމެ މުޒާހަރާތައް ފަށާފައި ވެއެވެ.
ހަގީގީ ނަޒަރުން ވިސްނާލާއިރު ފުރަތަމަ އަހަރުމެންނީ އިންސާނުންނެވެ. އިންސާނިއްޔާތުކަމުން ވިސްނަމާ ހިނގާށެވެ. އަނބި ދަރިންނާއި އާއިލާ ދޫކޮށް ފުރާނަ އަތްމައްޗަށްލައިގެން އެނބުރި އާދެވޭނެކަމުގެ އެއްވެސް އުންމީދެއްނެތް ނެތި ފެށި ދަތުރުގައި ޝާޒްގެ އަންހެނުންގެ ދެލޮލުން ކަރުނަ ނުހިކޭނެކަން ގައިމެވެ. ބައްޕައަށް ވެދާނެ ގޮތަކާދޭތެރޭ ދަރިން ހިތައް ފިނިކަމެއް ނާއަންނާނެކަން ޔަގީނެވެ. އެކަމަކު އީމާންތެރިކަމާއި އެކު އެމީހުންތިބީ އިންސާނީ ހައްގުގަ ކެތްތެރިކަމާއި އެކުގައެވެ. ޝާޒްގެ އެ ދަތުރުން އާވެގެންދިޔައި ކޮންފަދަ އަޒުމެއްގެ ވަރުގަދަ ހިތްވަރެއްތޯއެވެ. މިއީ މުޅި ދިވެހިންގެ ނަމުގައި އޭނާވާ މަތިވެރި ޤުރުބާނީއެއްނޫންއެހެން ކޮންކަމެއްތޯ އެވެ. އެކަނި ހައްޓާ ނުކުމެ ވެސް ތިމާ އަށް މިސާލު ދެއްކިދާނެ ކަން ޝާޒް ވަނީ ސާބިތުކޮށްދީފައެވެ. އެކަނިގޮސް އޭނާ އެ ކުރާ ކުރިހިތްވަރަށް ދޭންވީ ހަމަ ސާބަހެވެ. ތިއީ މި ގައުމަށް ބޭނުންވާ ފަދަ ތަރުބިއްޔަތެއް ލިބިފައިވާ ދަރިއެއް ކަމެވެ. ސާބަހެވެ. އައްސަރިބަހާއި ސާބަހެވެ.
ހެއުބަހެއް ބުނަން ނުކެރެންޏާ މަޑުން ތިބުން ކިހިނެތްވާނެތޯއެވެ. މިތާ އުފުލޭނީ ހިތްވަރުގަދަ ފަހުލަވާނުންގެ އުއްމީދެވެ. އިޒްރޭލުގެ ބަޑި އާއި ބޮމަށްވުރެ ތި އުކާ ތީރުތައް މާ ނުރައްކާތެރިއެވެ. އަނގަމަޑުންލައިގެން ހިތްމަރާނުލާ ތިބެމާ ހިނގާށެވެ.