މިއަހަރުގެ މިހާތަނަށް ހިމަބިހީގެ 186 ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ އަދާހަމަތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާގައި މާލެ ސަރަޙައްދުން އެކަނިވެސް ހިމަބިހީގެ 20 ކޭސް ފެނިފައިވެއެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ފެނުނު ހިމަބިހީގެ ޖުމްލަ ކޭސްތަކުގެ އަދަދުވަނީ 186 އަށް އުފުލިފައެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި މިހާތަނަށް 120،000 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
އެޗްޕީއޭއިން ބުނީ ބައްޔާއި ދެކޮޅަށް ދިފާއީ ބާރު ނެތް މީހުންނާއި، މީސްލްސް ވެކްސިން 2 ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށެވެ.
ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ވަޑައިގެން ވެކްސިން ފުރިހަމަކުރެއްވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ހިމަބިހީގެ އަލާމަތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުމެވެ. މި ބަލި ޖެހިއްޖެނަމަ ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގައެވެ. އެއަށްފަހު މޭމަތި، ބުރަކަށި،އަތުގައި އަދި ފައިގައި ބިހިތައް ނަގައެވެ.
ރާއްޖެ އިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރެވެ. އެކަމަކު އޭގެ ފަހުން 2020 ވަނަ އަހަރާއި 2023 ވަނަ އަހަރު މި ބަލި ޖެހިފައިވާ ބަޔަކު ފެނިފައިވެއެވެ.

(2).jpg&w=3840&q=75)