ޣައްޒާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް، ޓެންޓުތަކެއް މައްޗަށް ފަސްއެޅި ވަޅުލެވިއްޖެއެވެ.
މި ހާދިސާގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްޠީނު ރައްޔިތުން ގެ ތެރެއިން ޓެންޓުތަކުގައި ދިރިއުޅެމުން ދިޔަ އަންހެނަކާއި ތިން ކުޑަކުދިން މަރުވެ އިތުރު ބަޔަކު ވަނީ ޒަޚަމްވެއްފައެވެ.
މެޑިކަލް އޮފިޝަލުން ބުނެފައިވާގޮތުގައި، އާދީއްތަ ދުވަހުގެ ރޭ ޣައްޒާގެ މެދުތެރޭގައިވާ ދައިރުލް ބަލަޙްގެ ދެކުނުގައި ހުރި ފޭލިގެތަކުގެ މައްޗަށް ހިލައާއި ވެލި އެކުލެވޭ ބޮޑު ފަސްގަނޑު ކަނޑައިގެންގޮސް ވެއްޓިފައިވެއެވެ.މި ހާދިސާގައި ނިޔާވީ އަންހެނަކާއި އޭނާގެ8އަހަރާއި6އަހަރުގެ ދެ ދަރިންގެ އިތުރުން4އަހަރުގެ އެހެން ކުއްޖެކެވެ. މީގެއިތުރުން އިތުރު ހަ މީހަކު ވަނީ ޒަޚަމްވެފައެވެ.
ހާދިސާ ހިނގި ސަރަޙައްދުގައި މީހުން ސަލާމަތްކުރުމަށްޓަކައި، އާންމު ރައްޔިތުން މަރުތޭލާއި ފަކީރަ ބޭނުންކޮށްގެން ހިލަތައް ތަޅައި، ވެލިތައް ދުރުކުރުމުގެ މަސައްކަތް ރޭގަނޑު ދިޔައީ ކުރަމުންނެވެ. މަންޒަރު ފެނުނު މީހަކު ބުނެފަވާގޮތުގައި ބޮޑު ފަރުބަދައެއް ފަދަ ފަސްގަނޑު ވެއްޓުމުން ތިން ޓެންޓު އެއްކޮށް ވަޅުލެވި، އޭގެ ދަށުގައި ތިބި މީހުން ނުފެންނަ ވަރަށް ބޮޑަށް ފޮރުވިގެން ދިޔައެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ޣައްޒާގެ2މިލިއަނަށް ވުރެ ގިނަ އާބާދީގެ ބޮޑުބައެއް މިހާރު ދިރިއުޅެމުންދަނީ ފޭލިގެތަކުގައެވެ. ހޮނިހިރު ދުވަހު ބޯކޮށް ވާރޭ ވެހެން ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް70،000އަށް ވުރެ ގިނަ ޓެންޓުގައި ފެންބޮޑުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

