logo

ރަސްމާލޭ މަޝްރޫޢުއިން ދިވެހިންނަށް ވަޒީފާގެ އިތުރުން ވިޔަފާރީގެ ފުރުސަތުވެސް ލިބޭނެ: އީގަލް ހިލްސްގެ ޗެއަރމަން

ދިވެހި ޗެނަލް
ދިވެހި ޗެނަލް
7 ގަޑިއިރު ކުރިން

ރަސްމާލޭ ވޯޓަރ ފްރޮންޓް އެންޑް މެރީނާ މަޝްރޫޢުގެ ތެރެއިން ދިވެހިންނަށް އޮތީ ހަމައެކަނި ވަޒީފާގެ ފުރުޞަތު ނޫން ކަމަށާއި، އެތަނުގައި ފިހާރަތައް ހިންގައި ވިޔަފާރި ކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް އީގަލް ހިލްސް ކުންފުނީގެ ޗެއަރމަން މުޙައްމަދު އަލްއައްބާރު ވިދާޅުވެއްޖެއެވެ.

ރަސްމާލޭގައި އެކުންފުނިން ކުރިއަށް ގެންދަން ރާވަމުންދާ މަޝްރޫޢުއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްތީގަތުމެއްގައި އޭނާ ވިދާޅުވީ ރަސްމާލޭގައި ތަރައްޤީގެ މަޝްރޫޢު ކުރިއަށް ގެންދާނީ ދިވެހިންނަށް ފައިދާވާނެ ގޮތަށް ކަމަށެވެ. މިމަޝްރޫޢުގެ ތެރެއިން ދިވެހިންނަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކުންފުނީގެ ޗެއާމަން މުޙައްމަދު އަލްޢައްބާރު ވިދާޅުވީ، އޭނާ ޤަބޫލުކުރައްވާ ގޮތުގައި މި މަޝްރޫޢުއަށް ބޭނުންވާ ހުރިހާ ސަޕްލައިއެއްވެސް ދިވެހިން އަތުން ލިބޭނަމަ ގަންނަން ޖެހޭނީ ދިވެހިން އަތުން ކަމަށެވެ. އެކަމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ފައިސާ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ މަޝްރޫޢޫގެ ތެރެއިން ދިވެހިންނަށް ލިބެނީ ހަމައެކަނި ތަރައްޤީގައި ބައިވެރިވުމުގެ ފުރުޞަތު ނޫން ކަމަށާއި މިތަން ނިމޭއިރު މަސައްކަތް ކުރާނެ މީހުންވެސް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދިވެހި ވިޔަފާރިތަކަށް ފަހި ފުރުޞަތުތަކެއް މިސަރަހައްދު ތަރައްޤީ ކުރެވިގެންދާއިރު އޮންނާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެކުންފުނީން އެހެން ޤައުމުތަކުގައިވެސް މަޝްރޫޢުތައް ކުރިއަށް ގެންދިޔައީ މި ބީދައިން ކަމަށާއި، މިއީ ކަމިޔާބު މޮޑެލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަލްއައްބާރު ވިދާޅުވީ އެ ސަހަރުގައި ފިހާރަތައްވެސް ހުންނާނެ ކަމަށެވެ. އެތަންތަން ހިންގުމުގައި ދިވެހިންނަށް ފަހި ފުރުޞަތެއް އޮންނާނެކަން ފާހަގަކުރައްވާ އޭނާ ވަނީ މިތަންތަނަށް ވިޔަފާރިތައް ހޮވުމުގައި ދިވެހިންނަށް އިސްކަން ދޭނެ ކަމަށެވެ.

އެތަނުގައި ހުޅުވޭ ފިހާރަތަކުގެ އަދަދު. މަދުވެގެން 1500 އަށް އަރާނެކަމަށާއި އެހެންކަމުން އެއީ 1500 ވިޔަފާރިވެރިން ކަމަށް އޭނާ ވިދާޅުވި. އެތަން ތަން ހިންގަން ފުރުސަތުދޭން އިސްކަންދޭނީ ދިވެހިންނަށްކަމަށާއި އެކަމުގައި އެ ފަރާތްތަކަށް މާލީ އަދި އުމްރާނީ އެހީތެރިކަންވެސް ފޯރުކޮށްދިނުމުގެ ވިސްނުން އޮތަކަމަށް އަލްއައްބާރު ވިދާޅުވިއެވެ.

މިހާރު ހިއްކަމުންދާ ރަސްމާލޭގެ ބިމުން 500 ހެކްޓަރު، މޯލްޑިވްސް ވޯޓަރ ފްރޮންޓް އެންޑް މެރީނާ މަޝްރޫޢޫއަށް ޚާއްސަ ކުރާނެއެވެ. އަދި މަޝްރޫޢުގެ ޖުމްލަ އިންވެސްޓްމެންޓް އަގު ތަރައްޤީގެ މަރުހަލާ ތެރޭގައި 20 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި މަޝްރޫޢުއާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް މިލިޔަނަކުން އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ad