މި އަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 439 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ އިތުރު އަދަދެކެވެ.
މާލީ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ކަނޑައަޅާފައިވަނީ 374 މިލިއަން ރުފިޔާއެވެ. އެހެންކަމުން، މިހާތަނަށް ލިބުނު 439 މިލިއަން ރުފިޔާއަކީ ބަޖެޓުގައި ލަފާކުރި އަދަދަށްވުރެ 17 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރިއެވެ. ނަމަވެސް އަހަރު ނިމުނު އިރު ލިބިފައިވަނީ 400 މިލިއަން ރުފިޔާ އެވެ. އެއީ ކޭޝް ގްރާންޓްގެ ގޮތުގައި 34 މިލިއަން ރުފިޔާ އާއި ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައި ލިބުނު 339 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މި އަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދު ވަނީ މިދިޔަ އަހަރު ޖުމްލަ ހިލޭ އެހީގެ ގޮތުަގައި ލިބުނު އަދަދަށް ވުރެ އިތުރުވެފައެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން ގްރާންޓްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ އެކި ޕްރޮޖެކްޓްތަކަށް ލިބޭނެ ކަމަށް ބެލެވޭ އަދަދުތަކެވެ. އެގޮތުން ޕްރޮޖެކްޓްތަކަށް 324 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ކޭޝް ގްރާންޓްގެ ގޮތުގައި އެއްވެސް އަދަދެއް ބަޖެޓުގައި ހިމަނާފައެއް ނުވެއެވެ.
މީގެ ކުރީގެ އަހަރުތަކަށް ބަލާއިރު، 2021، 2022 އަދި 2023 ވަނަ އަހަރު ދައުލަތަށް ހިލޭ އެހީގެ ގޮތުގައި އެއް ބިލިއަން ރުފިޔާއަށްވުރެ ގިނައިން ލިބިފައިވެއެވެ. ނަމަވެސް، މެދުރާސްތާގައި ރާއްޖެއަށް ހިލޭ އެހީ ލިބޭ މިންވަރު ދަށްވާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް ދެ އަހަރުވެސް ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ކަމަށް މާލީ ވުޒާރާގެ ބަޖެޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

