ސަރުކާރުން މިހާރު އުވާލަން ނިންމާފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން، ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ތިން ބިލިއަނުގެ ދަރަނި އޮތް ކަމަށް 2024 ވަނަ އަހަރުގެ އެ ކުންފުނީގެ އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓް އޮފީހުން މިމަހުގެ 2 ވަނަ އާންމު ކޮށްފައިވާ ފެނައިގެ އޮޑިޓް ރިޕޯޓުގައި ހުރި ހިސާބުތަކަށް ބަލާއިރު، ޑިސެމްބަރު 31، 2024ގެ ނިޔަލަށް، ފެނަކައިން މުދަލާ ޚިދުމަތް ހޯދައި، ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ ވަނީ 3.51 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ އިތުރުން، އެކި ގޮތްގޮތުން އެ ކުންފުނިން ދައްކަން ޖެހޭ ދަރަނީގެ ގޮތުގެ 3.59 ބިލިއަން ރުފިޔާ އާރފައިވާ ކަމަށް ވެސް މި ރިޕޯޓްގައި ހާމަކޮށްފައިވެއެވެ.
އެ ރިޕޯޓުގައިވާ ގޮތުން، ސަޕްލަޔަރުންނަށް ފެނަކައިން ދައްކަން ޖެހޭ ކަމަށް މާލީ ބަޔާނުގައި ހިމަނާފައިވާ 3.51 ބިލިއަނުގެ ތަފުސީލާއި ދަރާފައިވާ ފަރާތްތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ލިބިފައެއް ނުވެއެވެ. އެހެން ކަމުން އެ އަދަދުގެ ސައްހަކަން އޮޑިޓަށް ޔަގީންކުރެވިފައެއް ނުވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
އަދި އެ ކުންފުނީގެ މާލީ ހާލަތަށް ބަލާއިރު، 2024 ވަނަ އަހަރު ނިމުނު އިރު އެ ކުންފުނި 547 މިލިއަން ރުފިޔާގެ ގެއްލުމުގައި އޮތް ކަމަށް އެ ރިޕޯޓްގައި ހާމަކޮށްފައިވެއެވެ. 2023ގައި ވެސް އެ ކުންފުންޏަށް 811 މިލިއަނުގެ ގެއްލުމެއް ވެފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އޮޑިޓު އޮފީހުން ފާހަގަކުރި ގޮތުގައި، ފެނަކައިގެ ދަރަންޏާއި ޚަރަދު އިންތިހާއަށް ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި އެ ކުންފުނި ހިންގިދާނެ ކަމަށް ނުފެންނަ ކަމަށް އެ ރިޕޯޓް ގައި ފާހަގަކޮށްފައެވެ.
ސަރުކާރުން ވަނީ، ފެނަކަ އުވާލަން ނިންމައި، އެ ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތްތައް ފަށާފައެވެ. އަދި ފެނައިގެ ޚިދުމަތް ދެމުން ގެންދިޔަ ރަށްތަކުގެ ހުރިހާ އިންޖީނުގެތައް މިހާރު ވަނީ ސްޓެލްކޯ ދަށަށް ބަދަލުކުރެވިފައެވެ.

