އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ނަތީޖާ އިން ހިތްވަރު ލިބިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާ އެކުގައި 2028 އަށް އަމާޒު ހިފައިގެން މިތިބީ ގަދަކޮށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކުޑަ ތަފާތަކުން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އެ އިންތިހާބު ސޯބެ ކާމިޔާބުކުރެއްވި އިރު ނަތީޖާ ބަދަލުކޮށްލީ މާލޭގައި ބެހެއްޓި ފޮށިތަކުންނެވެ.
އެގޮތުން އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ސޯބެއަށް ލިބިފައިވަނީ 1375 ވޯޓެވެ. އެއީ 51.1 އިންސައްތައެވެ. އަހުމަދު ސައީދަށް ލިބިފައިވަނީ 1313 ވޯޓެވެ. އެއީ 48.8 އިންސައްތަ ވޯޓެވެ.
އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ ކެމްޕެއިން ޓީމުގެ މަސައްކަތަށް ތައުރީފު ހައްގު ކަމަށާއި ކެންޑިޑޭޓް ސައީދު ކުރެއްވި މަސައްކަތަށް ސާބަސް ދެއްވާ ކަމަށެވެ. އަދި އައްޑޫ ސިޓީގައި ބެހެއްޓި ފޮށިތަކުން ޕީއެންސީގެ ކެންޑިޑޭޓު ކުރި ހޯއްދެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އައްޑޫގައި ބެހެއްޓި ފޮށިތަކުން ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް ކުރި ހޯއްދެވުމުން އެ ކާމިޔާބީން ލިބޭ ހިތްވަރަކީ 2028 ގެ ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ކާމިޔާބު ކޮށްދިނުމަށް މިތިބީ އަޒުމު ހިފާގެން ގަދަކޮށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

