ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމާއި ގުޅޭގޮތުން އިންޑިއާ އެމްބަސީ އާއި ރާއްޖޭގެ ދައުލަތުގެ ބޭސް ކުންފުންޏާ މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށްދާކަން ހާމަކޮށްފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުންނެވެ. އެގޮތުން ދިވެހިރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބާލަސުބްރަމާނިއަމާއި ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު, އިއްޔެ ބައްދަލު ކުރައްވާފައިވާ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.
ހައިކޮމިޝަނުން ބުނީ، މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި ސިއްހީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާތައް ކުރުން ކަމަށެވެ.
ރާއްޖެއަށް ވަރަށް އަސާސީ ބޭސް ލިބުން ވެސް މިހާރު ވަނީ ދަތިވެފައެވެ. ބޭސް ނުލިބިގެން އާއްމުންގެ ޝަކުވާތައް ވަރަށް އިތުރެވެ. އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ބޭހުގެ ބާވަތްތައް އެތެރެކުރާ އެއް ގައުމަށް ވުމާއެކު، އިންޑިއާގެ ބޭސް އުފައްދާ ބޮޑެތި ކުންފުނިތަކާ ސީދާ ގުޅުން ގާއިމުކުރުމަކީ ރާއްޖޭގެ ބާޒާރުގައި ބޭހުގެ އަގު ހެޔޮކުރުމަށާއި، ބޭސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް މުހިންމު ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
މީގެ ކުރިންވެސް އިންޑިއާއިން ވަނީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ތަފާތު އެކި ފަހަރުމަތިން ބޮޑެތި އެހީތަކެއް ވެދީފައެވެ. އަދި ސިއްހީ ކުއްލި ނުރައްކާތަކުގެ ހާލަތްތަކުގައި އަވަށްޓެރި ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ އެއް ގައުމަކީ އިންޑިއާކަން ފާހަގަކޮށްލެވެއެވެ.

