ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޕާކު ސަރަހައްދުގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ ރޭގެ 20:40 އެހައިކަންހާއިރު ކަމަށެވެ. އަދި އެ މާރާމާރީއަކީ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއް ކަމަށާއި އެ ހާދިސާގައި އަމަލީ ގޮތުން ބައިވެރިވެފައި ވަނީ 16 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިން ކަމަށް ފުލުހުން ހާމަކުރެއެވެ.
މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ނަމަވެސް، އެ މާރާމާރީ ހިނގަން މެދުވެރިވި ސީދާ ސަބަބެއް ފުލުހުން މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.
16 އަހަރުން ދަށުގެ ކުދިން މާރާމާރީ ހިންގުމުގައި ބައިވެރިވަމުން އަންނަ މިންވަރު އިތުރުވެފައި ވާއިރު، މި މަހުގެ 15 ވަނަ ދުވަހު ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި އުޅޭ 3 ކުއްޖަކު ވެސް މާރާމާރީ ހިންގި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

