ދިވެހިރާއްޖޭގައި ބިނާ ކުރާ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތް ފަށައިފިއެވެ.
ސަރުކާރުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، (އާރްސީސީ) އާއި ޙަވާލުކޮށްގެން ކުރިއަށް ގެންދާ، މި އިމާރާތް އަޅަނީ ހުޅުމާލެ އަމީން އެވެނިއު ކުރިމަތީގައި އޮންނަ ބިމުގައެވެ. ޒަމާނީ ވަސީލަތްތަކާއެކު 13 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ޢިމާރާތަކީ، ޕާކިންގ ސަރަޙައްދެއް އެކުލެވޭގޮތަށް އިމާރާތްކުރާ ތަނެކެވެ. އަދި ގްރައުންޑް ފްލޯގައި ރިސެޕްޝަން ސަރަޙައްދާއި އިތުރު ޕާކިންގ ވަސީލަތްތައް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން ކޮންފަރެންސް ހޯލަކާއި، ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރިއެއް މި އިމާރާތުގައި ހުންނާނެއެވެ. އަދި މި ޢިމާރާތުގައި ޑޭ ކެއަރ ސެންޓަރެއްވެސް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ދާރުއްސަލާމް ވަޤުފް އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ އުޅެވޭނެ އިންތިޒާމް މި އިމާރާތުގައި ޤާއިމް ކުރާނެއެވެ. މިޢިމާރާތުގެ އެންމެ މަތީ ފަންގިފިލާ އޮންނާނީ އޯޕަން ޓެރަސްއެއްގެ ގޮތުގައެވެ.
މި މަޝްރޫޢު ނިންމުމަށްފަހު 5 އަހަރުގެ މުއްދަތަށް ޢިމާރާތުގެ މެއިންޓެނަންސް މަސައްކަތް އާރްސީސީއިން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ، ޒަކާތު ފަންޑުންނާއި، ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭންސްގެ ދަށުން ފައިނޭންސް ކުރާ މަޝްރޫޢެކެވެ.
މި މަޝްރޫޢު ނިމުމާއެކު ރާއްޖޭގެ އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ. އެގޮތުން މި އިމާރާތުން އަހަރަކު 60 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް އެ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. އެތަނުން ލިބޭ އާމްދަނީގެ %20 ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް އަދި ބާކީ ހުރި %80 އިސްލާމިކް ވަޤުފު ފަންޑަށް ޖަމާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ދާރުއްސަލާމްގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގެއެވެ. އަދި އެ މަޝްރޫޢޫގެ ޢަމަލީ މަސައްކަތް ފެށީ މިއަހަރުގެ އޯގަސްޓްމަހުގައެވެ.

