logo

މިދިޔަ މަހު މީރާ އަށް 2.92 ބިލިއަން ރުފިޔާ

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

މިދިޔަ ޖޫން މަހު އާމްދަނީގެ ގޮތުގައި 2.92 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން ބުނީ، މިދިޔަ ޖޫން މަހު މީރާއިން ބަލައިގެންފައިވާ ޖުމުލަ އާމްދަނީ އަކީ 2.92 ބިލިޔަން ރުފިޔާކަމަށެވެ. މިއީ ޖޫން މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %14.7 އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %10.1 އިތުރު އަދަދެއްކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނީ، މިދިޔަ މަހު އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ %14.7 އިތުރުވި މައިގަނޑު ސަބަބުތަކަކީ ޖީއެސްޓީ، ބޭންކް އިންކަމް ޓެކްސް، ގްރީން ޓެކުހުގެ އިތުރުން އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންކަމަށެވެ. މިއަހަރުގެ މެއި މަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަންދާޒާކޮށްފައިވާ މިންވަރަށްވުރެ %1.7 އިތުރުވުމާއެކު ފަތުރުވެރިކަމާއިގުޅޭ ދާއިރާތަކުން ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ.

މީގެއިތުރުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީ، ރިޒޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އާއި، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި އެއްފަހަރާ ލިބުނު ފައިސާއަކީވެސް މިމުއްދަތުގެ އާމްދަނީ އިތުރުވި އެއް ސަބަބެވެ. މިދިޔަ މަހު ލިބިފައިވާ ޖުމުލަ އާމްދަނީގެ 14.3% އަކީ ކުރީގެ ސުންގަޑިތަކަށް ދައްކަންޖެހޭ ފައިސާއެވެ. އަދި އާމްދަނީގެ 23.4% ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންކަން ވެސް މީރާއިން ވަނީ ބުނެފައެވެ.

ޖޫން 2025 ގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު ޖޫން 2026 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ ޖީއެސްޓީ އާއި ބޭންކް އިންކަމް ޓެކުހުގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ އާމްދަނީ އިތުރުވުމެވެ. ބޭންކް އިންކަމް ޓެކުހުގެ އާމްދަނީ އިތުރުވެފައިވަނީ، ސުންގަޑީގެ ކުރިން އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކައިފައިވުމާއި، 2025 ވަނަ އަހަރުގެ ބޭންކް އިންކަމް ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ސުންގަޑިއަށް ފައިސާދައްކާ ނިންމާފައިވާތީއެވެ. 2025 ވަނަ އަހަރުގެ މެއި މަހާއި އަޅާބަލާއިރު 2026 މެއި މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ މިންވަރު %1.5 އިތުރުވެފައިވާތީ ޓޫރިޒަމް ދާއިރާގެ އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ.

ނުލިބި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި މަސައްކަތުން މިދިޔަ މަހު 465 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. މީގެ ތެރޭގައި ނޯޓިސް ފޮނުވައިގެން 286 މިލިޔަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 79 މިލިޔަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުން 72 މިލިޔަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ފޯނު ކޯލުތަކާއި އެކްޝަން ޕޮލިސީގެ ދަށުން ވެސް ބޮޑެތި އަދަދުތަކެއް ވަނީ ހޯދާފައެވެ. ޖުމުލަ އާމްދަނީގެ 23.4 އިންސައްތައަކީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ލިބުނު ފައިސާއެވެ.

ޖޫން މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޓީޖީއެސްޓީއެވެ. އެއީ ޖުމުލަ އާމްދަނީގެ 37.2 އިންސައްތަ ނުވަތަ 1.08 ބިލިޔަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 799 މިލިޔަން ރުފިޔާއެވެ. މީގެ އިތުރުން ރިޒޯޓް ކުލީގެ ގޮތުގައި 411 މިލިޔަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 157 މިލިޔަން ރުފިޔާ، އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާރޗަރ ޓެކުހުގެ ގޮތުގައި ގާތްގަނޑަކަށް 269 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

މީރާއިން ބުނިގޮތުގައި މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 118.60 މިލިޔަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ. ބޭންކް އިންކަމް ޓެކްސް އިތުރުވުމުގެ އެއް ސަބަބަކީ ސުންގަޑީގެ ކުރިން އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކާފައިވުމާއި، 2025 ވަނަ އަހަރުގެ ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ފައިސާ ދައްކާ ނިންމާފައިވުމެވެ.

ad