ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ، ފަނޑިޔާރުންގެ ގާނޫނު ގެ 27 ވަނަ މާއްދާ އާއި، ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދުގެ ދަށުން، އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރެއްވުމަށް ފަނޑިޔާރު އަލީ ރަޝީދު އެދިވަޑައިގެންފައިވާ ކަމަށެވެ.
އެހެންކަމުން ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެދިވަޑައިގެންނެވި ގޮތަށް ޑިސެމްބަރު މަހުގެ އެކަކުން ފެށިގެން ޝަރަފުވެރިކަމާއެކު އަލީ ރަޝީދު ރިޓަޔާކޮށްދެއްވުމަށް، މިދިޔަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވުނު ޖޭއެސްސީގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ސުޕްރީމްކޯޓުގެ ފަނޑިޔާރަކު ރިޓަޔާކޮށްދިނުމަށް ކޮމިޝަނުން ނިންމުމާ ގުޅިގެން ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ސުޕްރީމްކޯޓުގެ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު ހޯދުމަށް ފަނޑިޔާރުންގެ ގާނޫނު ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.


