ދައުލަތުގެ ތިން ބާރު ހިންގަމުންދާ އިމާރާތްތަކުގައި ހުޅުޖަހަން ގޮވި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ހައްޔަރު ކޮށްފިއެވެ.
"ފޭސްބުކް" ގައި ކުރި ޕޯސްޓެއްގައި ޒިހާން ވަނީ ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި އެފަދަ ޢަމަލެއް ހިންގުމަށް ހިތްވަރުދީފައެވެ. އެގޮތުން ތަންތަނުގައި ރޯކޮށްލައިފިނަމަ "މަޖާވާނެ" ކަމަށް އޭނާގެ އެ ޕޯސްޓުގައި ލިޔެފައިވެއެވެ.
އެނގިފައިވާ ގޮތުގައި އެނާ ހައްޔަރުކޮށްފައިވަނީ ފުވައްމަލުކުގައި ހުއްޓާ އެވެ.
ނަމަވެސް، ޒިހާން ވަނީ އެ ޕޯސްޓްކުރިތާ ގަޑިއެއްހާ އިރު ފަހުން އެ ޕޯސްޓް އެނާގެ ފޭސްބުކުން ޑިލީޓްކޮށްފައެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތައުލީމު ހާސިލުކޮށް، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރި ޒިހާން ސިފައިންގެ ޚިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅެވެ. އޭގެ ފަހުން މިސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ވެސް އެނާ ފުރުއްވާފަވެއެވެ. ނަމަވެސް ފަހުން އެނާ ވަނީ އެ މަގާމުން ވެސް ވަކިކޮށްފައެވެ.

