އޭޝިއާ ޕެސިފިކް އެކްޝަން އެލަޔަންސް އޮން ހިއުމަން ރިސޯސަސް ފޯ ހެލްތު، އޭއޭއޭއެޗް އެވޯޑް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވުޒާރާއަށް ލިބިއްޖެއެވެ.
މިއީ ރާއްޖޭގައި ހުންނަ ޑަބްލިއުއެޗްއޯގެ އޮފީހާއި ގުޅިގެން ސިއްހީ ވުޒާރާގެ ޕްރައިމަރީ ހެލްތު ކެއާ ރިވައިޓަލައިޒޭޝަން ޓީމުން ކުރި ފާހަގަކޮށްލެވޭ މަސައްކަތުގެ އަގުވަޒަންކޮށް ދީފައިވާ އެވޯޑެކެވެ.
މި އެވޯޑު ރާއްޖެއަށް ދީފައިވަނީ އިންޑޮނޭޝިއާގެ ބާލީގައި ކުރިޔަށް ގެންދިޔަ އޭޝިއާ ޕެސިފިކް އެލަޔަންސް އޮން ހިއުމަން ރިސޯސަސް ފޯ ހެލްތުގެ 14 ވަނަ ކޮންފަރެންސްގައެވެ.
ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި ކޮންފަރެންސްގައި 3 ދާއިރާއަކުން އެވޯޑު ދީފައިވާއިރު ރާއްޖެއަށް މި އެވޯޑު ލިބުނު ކެޓަގަރީއަކީ 'ޕްރައިމަރީ ހެލްތް ކެއާ ޓީމު' އެވެ. މި ކޮންފަރެންސްގައި ދެން އެވޯޑު ދިން ދެވަނަ ކެޓަގަރީއަކީ ހެލްތް ޕްރޮފެޝަން އެޑިއުކޭޝަން އަދި ތިންވަނަ ކެޓަގަރީއަކީ ހެލްތްވޯކާ ވެލްބީންއެވެ.
ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޝަރަފަކީ މުޅި ރާއްޖޭގައި ޕްރައިމަރީ ހެލްތު ކެއާ ހަރުދަނާކޮށް، ޔުނިވާސަލް ހެލްތު ކަވަރޭޖް ކުރިއެރުވުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެތެރެއިން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.
174 ނޮމިނޭޝަންގެ ތެރެއިން މި ކޮންފަރެންސްގައި އެވޯޑު ލިބުނީ ޖުމްލަ ހަތަރު ފަރާތަކަށެވެ.މި އަވޯޑްތަކަށް އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް ނޫން އެހެން ގައުމުތަކަށްވެސް ކުރިމަތިލެވޭނެއެވެ.
