ފުލުހުންގެ ޚިދުމަތަށް މިހާރު ގެންނަ ބަދަލުތަކާއެކު މިހާރަށްވުރެ ޤާބިލު އަދި ދިވެހި ރައްޔިތުން އެދޭ ފަދަ ޚިދުމަތް ދެވޭ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ބަދަލުވެގެންދާނެ ކަމަށް، ދާޚިލީ ސަލާމަތާއީ މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު ވަނީ ފުލުހުން މަދަނީ ޚިދުމަތަކަށް ބަދަލުވިތާ 22 އަހަރުވީއިރު ފުލުހުންގެ ޚިދުމަތް އެންމެ އެކަށީގެންވާ މިންވަރަށް ކުރިއެރުވިފައިނުވާކަން ފާހަގަކުރައްވާފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި އެކުވެރިކަމުގެ ހިނގާލުމުގައި ބައިވެރިވުމަށް ފަހު ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްތީގަތުމުގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވަނީ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިއްޔާ ފުލުހުންނާއި މީގެ ކުރިން ޚިދުމަތް ކުރެއްވި ފަރާތްތަކާއި އަދި ފުލުހުންގެ ޢައިލާތަކަށް ދަންނަވާފައެވެ. ވަޒީރު ވިދާޅުވީ ފުލުހުން އަސްކަރީ ޚިދުމަތަކުން މަދަނީ ޚިދުމަތަކަށް ބަދަލުވިތާ 22 އަހަރު ވެގެންދިޔައިރު އެ އިދާރާއަށް ބޭނުންވާ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތަށް ޤާއިމްކުރެވިފައި ނުވާ ކަމަށެވެ. ދާޚިލީ ވަޒީރު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްވެގެން ދިޔައީ މިދައުރުގެ ތެރޭގައިކަން ފާހަގަކުރައްވާފައެވެ. މި ސަރުކާރު ހަވާލުވިއިރު އަތޮޅުތަކުގެ އަމިއްލަ މަރުކަޒުގައި ޚިދުމަތް ދެމުން ދިޔައީ އެންމެ 17 މަރުކަޒުގައި ކަމަށް ވިދާޅުވިއެވެ. "ފުލުހުންގެ ޚިދުމަތް 22 އަހަަރު މަދަނީ ޚިދުމަތެއްގެ ގޮތުގައި އެސްޓެބްލިޝްވެގެން އައި ކަމުގައިވިއަސް މީހުން އިތުރުވެ، ތަމްރީނު އިތުރުވެގެން އައި ވަރަކަށް އިންފްރާސްޓްރަކްޗަރ އިތުރުވެފައި ނެތީމަ އެންމެ އެދެވޭ ގޮތެއްގައި ދިވެހި ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރިކަމަށާއި މިހާރު ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް އެބަދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފުލުހުންނަށް ބޭނުންވާ ޚާއްސަ ދާއިރާތަކުން ތަމްރީނުތައް ހޯދުމުގެ ކަންކަން ކުރިއަށްދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


