އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ފަށާފައި ހުރި މަޝްރޫޢުތަކުގެ ތެރެއިން މަދުވެގެން 70 ޕަސެންޓް މަޝްރޫޢު އެއްކޮށް ނިންމުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
"ނޭޝަން ޗެޓް" ގައި ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކޮށްފައި ވަނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ ހޮސްޕިޓަލްތަކާއި ސްކޫލްތައް ނިންމުމަށް އިސްކަން ދީގެން ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ޙަވާލުވި އިރު ޤައުމުގެ އިޤްތިޞާދު އޮތީ ޑިފޯލްޓްވުން، ނުވަތަ ދަރަނި ނުދެއްކި ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ކަމަށާއި، ފުރަތަމަ އިސްކަން ދެއްވީ އެކަމުން ޤައުމު ސަލާމަތް ކުރުމަށް ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މި އަހަރު ފެށިގެން އައިއިރު ރެކޯޑް މިންވަރަކަށް ގްރޮސް ރިޒާވާއި ޔޫޒަބަލް ރިޒާވް އިތުރުކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ބަޖެޓުގެ ޑެފިސިޓް ނުވަތަ ދަރަނި ކުޑަކުރުމަށް ވަރަށް ބޮޑު އިސްކަމެއްދީ އާމްދަނީ އިތުރު ކުރެވޭނެ އާ ގޮތްތައް ހޯދުމާއި، ފިސްކަލް ޒިންމާދާރުކަން އިތުރުކުރުމަށް ފިޔަވަޅުތަކެއް ވެސް އަޅަމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢެއްގެ ސަބަބުން ބަޖެޓަށް ދަރަނި ބޮޑުވެގެން ނުދާނެ ކަމަށާއި ކަމުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢަކީވެސް މިފަދަ ގޮތަކަށް ކުރިއަށް ގެންދެވޭ ކަމެއް ކަމަށެވެ. މިގޮތުން، ރަސްމާލެ މަޝްރޫޢަށް ގެންނަ އިންވެސްޓްމަންޓަކީ ސަރުކާރުގެ ބޮލުގައި އިތުރު ދަރަންޏެއް ނުވަތަ ލޯނެއް އެޅޭނެ ކަމެއް ނޫންކަން ކަށަވަރުކޮށް ދެއްވަމުން، އެ މަސައްކަތް ކުރިއަށް ގެންދަނީ ފިއުޗަ ރެވެނިއު (މުސްތަޤުބަލުގައި ލިބޭނެ އާމްދަނީ) އިން ކެނޑޭ ގޮތަށް ކަމަށްވާތީ، ދައުލަތުގެ ބަޖެޓަށް އޭގެ ސަބަބުން ބުރައެއް އުފުލަން ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅަން އެޖެންޑާކޮށްފައިވެ އެވެ. އެކަމަށް ބާއްވާ ޖަލްސާ އޮންނާނީ މެންދުރު ފަހު އެވެ.

