މިދިޔަ މެއި މަހު މުދަލު ޒަކާތުގެ ގޮތުގައި 7.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން އިން ހާމަކޮށްފިއެވެ.
މީރާއިން އާންމުކޮށްފައިވާ މެއި މަހުގެ މާލީ ރިޕޯޓުން ދައްކާގޮތުގައި އެ މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ވަނީ 7.5 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ މޭ މަހާއި އަޅާ ބަލާއިރު 73 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މުދަލު ޒަކާތުގެގޮތުގައި ލިބިފައިވަނީ 4.3 މިލިއަން ރުފިޔާއެވެ.
އެ ރިޕޯޓްގައިވާ ގޮތުގައި މި އަހަރު މެއި ނަމުގެ ނިޔަލަށް މުދަލު ޒަކާތުގެގޮތުގައި ދައުލަތަށް 58 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރު މި މުއްދަތުގައި މުދަލު ޒަކާތުގެގޮތުގައި ދައުލަތަށް ލިބިފައިވާ 50 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 14 އިންސައްތައިގެ ކުރިއެރުމެކެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، 1447 ވަނަ އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް މިހާރު ވަނީ ޒަކާތުގެ ފައިސާ ޖަމާކޮށް ނިންމާފައެވެ. އެގޮތުން މި ފަހަރު ޖުމުލަ 2،384 މީހުންނަށް ޒަކާތުގެ ފައިސާ ދޫކޮށްފައިވެއެވެ.
މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބެހި ފައިސާގެ ޖުމުލަ އަދަދަކީ 13,112,000 (ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ދިވެހި ރުފިޔާއެވެ. ޒަކާތު ހައުސްއިން ފާހަގަކުރި ގޮތުގައި މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ރުފިޔާ ވަނީ ޖެހިފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ބެހި އެންމެ ގިނަ ފައިސާއެވެ.
މުދަލު ޒަކާތަކީ އިސްލާމްދީނުގެ މުހިންމު ރުކުނަކަށް ވީހިނދު، މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ދަފުތަރުގައިވާ ފަރާތްތަކަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ ޒަކާތު ހައުސްގެ މުހިންމު މަސްއޫލިއްޔަތެކެވެ. މިފަހަރުގެ ބެހުމުގައި ބޮލަކަށް ޖެހުނު އަދަދު އިތުރުވުމަކީ ފަޤީރުންނާއި މިސްކީނުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ލިބުނު ބޮޑު އެހީތެރިކަމެއްގެ ގޮތުގައެވެ.
މުދަލު ޒަކާތުގެ ނިސޯބަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހެވެ. މިހާރުގެ ނިސާބަކީ 9،353.4 ރުފިޔާއެވެ.
މުދަލުގެ ޒަކާތު ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިސޯބުގެ މިންވަރު ނުވަތަ އެއަށްވުރެ ގިނަ ފައިސާ ހަމަވެފައި ހުންނަތާ އެއް އަހަރުވެފައިވާ ފައިސާ އާއި ތަކެތިންނެވެ. ޒަކާތް ނެރެންޖެހޭނީ އެ އަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 އިންސައްތައެވެ.

