އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މިދިޔަ ސަރުކާރުން ތާރު އަޅައިގެން ތަރައްޤީކޮށްފައިވާ އަމީނީމަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި އެމަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ޚާއްސަކޮށް އަމީނީ މަގުގެ ހުޅަނގަށްވީ ބައިގެ މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ އަމީނީމަގާއި އިއްޒުއްދީން މަގު އަދި ބޮޑުތަކުރުފާނު މަގު މަރާމަތު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މިދިޔަ މަހުގެ 15 ވަނަ ދުވަހު އެމްޓީސީސީއަށް ހަވާލުކޮށްފައިވާކަމަށެވެ. އެ ވުޒާރާއިން ބުނީ، މަގު މަރާމާތުކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށް އެމްޓީސީސީން ތައްޔާރުވަމުން އަންނަކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެއެވެ.
އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަޙައްދު، ސެގްމަންޓް 11 އަދި 12ގެ މުޅި މަސައްކަތް ނިންމާ ފުރަތަމަ ހުޅުވީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. މިދިޔަ އަހަރުގެ ކުރީކޮޅުވެސް ވަނީ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގައި ތާރުގަނޑު މަރާމާތުކުރުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ.
މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ތަރައްޤީކޮށްފައިވެއެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހުއެވެ.

