އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 11 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ)ގެ ޕްލެޓިނަމް ޕާޓްނަރގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
މި މަހުގެ 30 އިން 31 ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުހިންމު ބައްދަލުވުމެކެވެ.
މިއީ އިލްމީ މައުލޫމާތު ހިއްސާކުރުމާއި، ފިކުރީ ބަހުސްތައް ކުރިއެރުވުމުގެ އިތުރުން ހެކީގެ މައްޗަށް ބިނާކޮށް ކުރެވޭ އަމަލީ މަސައްކަތްތައް ރާއްޖޭގައި ފުޅާކުރުމަށް ފުރުސަތު ފަހިކޮށްދޭ އަގުހުރި ޕްލެޓްފޯމެކެވެ.
ދިރާސާކުރުމާއި ފިކުރީ ތަރައްޤީއަށް މަގުފަހިކޮށްދޭ ހަރަކާތްތަކަށް އެއްބާރުލުންދީ، ރާއްޖޭގެ ތައުލީމީ އަދި ދިރާސާގެ ނިޒާމު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލް އިން އަބަދުވެސް ދެމިއޮންނާނެ ކަމަށް އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

