logo

ދިއްދޫ އައުޓްޑޯރ ވޮލީ ކޯޓް ހުޅުވައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

ހއ.ދިއްދޫގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓް ހުޅުވައިފިއެވެ.

ދިއްދޫގައި ރޭ އޮތް ރަސްމިއްޔާތެއްގައި މި ވޮލީ ކޯޓް ހުޅުވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ތަރައްގީކުރި މި ވޮލީކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އަހުމަދު މުބީންވެސް ބައިވެރިވެވަޑައިގެންނެވި.

ވޮލީކޯޓް ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ރާފިޢު ވިދާޅުވީ، މި ހުޅުވުނު ވޮލީކޯޓާއެކު ކުރެވޭ އެންމެބޮޑު އުއްމީދަކީ ގައުމީ ފެންވަރުގައާ ބައިނަލްއަގުވާމީ ފެންވަރުގައިވެސް ރާއްޖެ ތަމުސީލުކުރާނެ މޮޅެތި ވޮލީ ކުޅުންތެރިންތަކެއް ދިއްދޫއިންވެސް އުފެދިގެން ދިއުން ކަމަށެވެ. އަދި ރަށުގެ ކުދިބޮޑު އެންމެންވެސް މި ވޮލީކޯޓްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ޒިންމާދާރު ކަމާއެކު ހިފުމަށް މިނިސްޓަރ ރާފިޢު އެދިވަޑައިގެންނެވިއެވެ.

އަދި އަބަދުވެސް ގަބޫލުކުރާ އެއް ހަގީގަތަކީ ކުޅިވަރަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ކުޅޭ އެއްޗެއް ނޫންކަމާއި ކުޅިވަރަކީ މުޖުތަމައުގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން ދަމަހައްޓައިދޭ، އަހުލާގާ ސުލޫކު ރަނގަޅުކޮށްދޭ އަދި މުޖުތަމައުގެ އެއްބައިވަންތަކަން އާލާކޮށްދޭ މުހިންމު ވަސީލަތެއް ކަމަށް މިނިސްޓަރ ރާފިއު ވިދާޅުވިއެވެ.

ވޮލީ ކޯޓު ހުޅުވުމަށްފަހު އެކުވެރިކަމުގެ ވޮލީ މެޗެއްވެސް ރޭ ވަނީ ކުޅެފައެވެ.

އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޮލީ ކޯޓުތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރުވެސް 10 ރަށެއްގައި ވޮލީ ކޯޓު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ad