މުސާރަ ނުދޭތާ ގިނަ ދުވަސް ވެއްޖެކަމަށް ބުނެ ކ. ބޮލިދުއްފަރުގައި އިހުތިޖާޖުކުރި ބިދޭސީންގެ ތެރެއިން ހައްޔަރުކުރި 21 މީހަކު ޑީޕޯޓުކޮށްލައިފި އެވެ.
ބޮލިދުއްފަރުގައި އިހްތިޖާޖުކުރި ބިދޭސީންނަކީ އެތަނުގައި ބިން ހިއްކައިގެން ރިސޯޓެއް ހެދުމުގެ މަސައްކަތުގައި ގެންގުޅުނު ބިދޭސީންނެވެ. ބޮލިދުއްފަރު ފަޅުން 34 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެން ރިސޯޓެއް ހަދަނީ ދުބާއީގެ ޑަމަކްސް ޕްރޮޕަޓީސް އިންނެވެ. އެތަނުގެ ކޮންސްޓްރަކްޝަން މަސައްކަތް ހަވާލުކޮށްފައި ވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ އައިމާ ކޮންސްޓްރަކްޝަނާ އެވެ.
މުޒާހަރާކުރި ބިދޭސީން ބުނަމުން ދިޔައީ އެމީހުންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށެވެ. އަދި ލިބުނު ފައިސާއިން ގައުމަށް ޑޮލަރު ފޮނުވުމުގައި ވެސް ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ.
މި މައްސަލާގައި ހައްޔަރުކުރި ބިދޭސީން ފުލުހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. އެމީހުންގެ މައްޗަށްކުރީ ގާނޫނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތެވެ.

.jpg&w=3840&q=75)