logo

ޕެންޝަން ސްކީމުން ފައިސާ ދައްކައިގެން މިހާރު ހައްޖު ކިޔުއަށް އެރޭނެ

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމްގެ ތެރެއިން ފަރުޟު ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދެއްކޭނެ ލުއި ގޮތްތަކެއް ކަނޑައަޅައި، ހައްޖު ކިޔޫގައި ބައިވެރިވެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ.

2019ވަނަ އަހަރު ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގައި ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން 80 އިންސައްތަ ދޫކުރެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް މިއަހަރު މި ޤާނޫނަށް ގަނައި އިސްލާޙްގައި ޙައްޖަށް ދިޔުމަށްޓަކައި ޕެންޝަން ސްކީމްގެ ތެރެއިން ލުއިތައް ދިނުމަށް ނިންމަވާފައެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް ގެނެވުނު އާ އިސްލާޙުތަކާއެކު، ހައްޖަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ބޮޑެތި ލުއިތަކެއް ފަހިވެފައެވެ. އެގޮތުން، ސަރުކާރުގެ ޙައްޖު ކުންފުނީގެ ހަވާލުގައި ޙައްޖަށް ދިއުމަށް އެދޭ މީހާ، ދައްކަންޖެހޭ ޖުމްލަ އަގުގެ 20 އިންސައްތަ އަމިއްލައަށް ދެއްކުމުން، ބާކީ އޮތް 80 އިންސައްތަ ފައިސާ އެމީހެއްގެ ޕެންޝަން ސޭވިންގްސް އެކައުންޓުން ހަމަޖައްސައިދެވޭނެއެވެ. މި އިންތިޒާމާއެކު، ރާއްޖޭގެ ރަސްމީ ޙައްޖު ކިޔޫގައި ތަރުތީބުން ޖާގަ ރިޒާވްކުރުމުގެ ފުރުސަތު އެ ފަރާތަކަށް ލިބިގެންދާނެއެވެ.

މި ފުރުސަތުގެ ބޭނުން ހިފޭނީ މީގެ ކުރިން ފަރުޟު ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ ފަރާތްތަކަށެވެ. އަދި ޕެންޝަން ލިބޭ އުމުރު ހަމަވާއިރު، މަހަކު މަދުވެގެން 2,000 ރުފިޔާ ޕެންޝަންގެ ގޮތުގައި ލިބޭނެ މިންވަރަށް އެކައުންޓުގައި ފައިސާ ހުންނަންޖެހެއެވެ. ޕެންޝަން އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން ފައިސާ ދޫކުރެވޭނީ މެންބަރެއްގެ ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައި 336,000 ރުފިޔާއަށް ވުރެ ގިނައިން ފައިސާ ހުރެގެންނެވެ. މީގެ އިތުރުން، ގެދޮރު ގަތުމުގެ ޑައުންޕޭމަންޓަށް ޕެންޝަން ފަންޑުން ފައިސާ ބޭނުންކޮށްފައިވާނަމަ، އެ ފައިސާ އުނިކުރުމަށްފަހު ބާކީ ހުންނަ އަދަދަށް ރިޢާޔަތްކުރެވޭނެއެވެ.

މި އިންތިޒާމާ ގުޅޭގޮތުން ޕެންޝަން އޮފީހުން ބުނާގޮތުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް ޖާގަ ރިޒާވްކުރެވޭނެ ގޮތް ހެދުމާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ސްކީމްގައި ބައިވެރިވެވޭނެ ގޮތް ހަދައި، ފަންޑު އިންވެސްޓްކުރުން މިހާރު ކުރިއަށްވުރެ ހަރުދަނާކުރެވިފައިވާ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ގަވާއިދުތަކާއި އިދާރީ އިންތިޒާމްތައް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ނިންމުމުގެ މަސައްކަތް ޕެންޝަން އޮފީހުން ދަނީ ކުރަމުންނެވެ.

ގާނޫނަށް ގެނައި މި ބަދަލާއެކު، ޕެންޝަން އުމުރު ހަމަވުމަށްފަހުވެސް ހައްޖަށް ދިއުމަށް އެދި ހުށަހަޅައިފިނަމަ، ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ބޭނުންކުރެވޭނެއެވެ. މިކަން ތަންފީޒުކުރުމަށްޓަކައި ޕެންޝަން އޮފީހާއި ސަރުކާރުގެ ހައްޖު ކުންފުންޏާ ދެމެދު ހާއްސަ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ޙައްޖަށް ދިޔުމުގެ ޖާގަ ރިޒާވްކޮށްފައިވާ ސްކީމްގެ ބައިވެރިޔެއްގެ ފައިސާ ސަރުކާރުގެ ފަރާތުން މީހުން ޙައްޖަށް ގެންދިޔުމުގެ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ކުންފުންޏަށް ދޫކުރުމުގެ މުއްދަތުތަކާއި އެ ފައިސާ ދޫކުރުމާބެހޭ އުޞޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާނެއެވެ. އަދި މިސްކީމްގެ ބައިވެރިޔެއްގެ ޕެންޝަން އުމުރު ހަމަވާ ފަހުންވެސް އެފަރާތުން ހުށަހަޅައިފިނަމަ ޙައްޖަށް ދިޔުމަށްޓަކައި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރެވޭނެއެވެ.

ad