logo

ގަތުލްއާންމު ކުށަކަށް ހަދަނީ 42 އަހަރު ކުރިން ބައިވެރިވި މުއާހަދާއިން ލާޒިމުކުރާތީ: އުޝާމް

މަރްޔަމް
ގަޑިއިރެއް ކުރިން
އެޓަރނީ ޖެނެރަލް: އުޝާމް

އެޓަރނީ ޖެނެރަލް: އުޝާމް

ގަތުލުއާންމަކީ ޖިނާއީ ކުށެއް ކަމަށް ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ހިމަނަން ސަރުކާރުގެ ފަރާތުން ހުށަހެޅީ އެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގައި ލާޒިމްކޮށްފައިވާތީ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެ އިސްލާހު ހުށަހެޅުއްވި މަގްސަދަކީ ރާއްޖެއިން ބައިވެރިވެފައިވާ ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތްވާ ގޮތުގެމަތިން ގަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމެވެ.

އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ރާއްޖެއިން ކުރުން ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ. އެގޮތުން:

  1. ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ (ޖެނޮސައިޑް ކޮންވެންޝަން)ގައި ރާއްޖޭން ބައިވެރިވެފައިވަނީ 24 އެޕްރީލް 1984ގައި
  2. އެ މުއާހަދާގެ 5 ވަނަ މާއްދާގައި، އެ މުއާހަދާއަށް އަމަލުކުރުމަށް އެ މުއާހަދާގައި ބައިވެރިވެފައިވާ ގައުމުތަކުން ހަދަން ޖެހޭ ގާނޫނުތައް ހެދުމާއި ޖެނޮސައިޑްއާ ގުޅޭ ކުށްތަކަށް ގާނޫނުގެ ދަށުން އަދަބު ކަނޑައެޅުން ލާޒިމްކޮށްފައިވޭ
  3. ނަމަވެސް، އޭގެ ފަހުން 42 އަހަރު ވެގެން ދިޔައިރު ވެސް ރާއްޖެއިން މި ޒިންމާ އަދާކޮށްފައެއް ނުވޭ

އުޝާމް ފާހަގަކުރެއްވި ގޮތުގައި، މުސްލިމުންނާ ދެކޮޅަށް ގަތުލްއާންމު ހިންގަމުންދާ ދެ ގައުމަކާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅައި ކުރިއަށްދާ ދެ މައްސަލައަކަށް ރާއްޖޭން ވަނީ ތަދައްހުލްވެފަ އެވެ. އެއީ:

  1. މިޔަންމާގައި ރޮހިންޔާ މުސްލިމު ދަރިފަސްކޮޅަށް އަމާޒުކޮށް ހިންގާ ގަތުލްއާންމާ ދެކޮޅަށް ގަމްބިއާއިން ހުށަހަޅާފައިވާ މައްސަލަ
  2. އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅަށް އަމާޒުކޮށް ހިންގާ ގަތުލްއާންމާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލަ

"އެހެން ގައުމުތަކުން ޖެނޮސައިޑް ކޮންވެންޝަނަށް ކަމޭހިތުމަށް ދިވެހިރާއްޖެއިން ގޮވާލާއިރު ދިވެހިރާއްޖެއިން އެ މުއާހަދާގެ ދަށުން ކުރުން ލާޒިމްކޮށްފައި އޮތް ކަމެއް ކޮށްފައި ނެތުމަކީ، އެކަމުގެ ސަބަބުން ދިވެހިރާއްޖޭން ހުށަހަޅާފައިވާ ގާނޫނީ ނުކުތާތަކަށް އަސަރުކުރާ ކަމެއް،" އުޝާމް ކުރެއްވި ޕޯސްޓްގައި ވެއެވެ.

ސަރުކާރުން ހުށަހެޅި ބިލުގައި ވަނީ ވަކި ގައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ބަޔަކު އެކުގައި ނުވަތަ އޭގެ ބޮޑު ބައެއް ނައްތާލުމުގެ ނިޔަތުގައި ބަޔަކު މެރުމާއި، ބޮޑެތި ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ދިނުމަކީ ކުށެއް ކަމަށެވެ. މި މާއްދާ އޮތް ގޮތުން، ޒަޔަނިސްޓުންނާ ދެކޮޅަށް ދިވެހިން ދައްކާ ބައެއް ވާހަކަތައް ވެސް، ވަކި ބަޔަކު ނައްތާލަން ގޮވާލުން ކަމަށް މާނަކޮށް ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތެވެ.

ސަރުކާރުން ހުށަހަޅާފައި މި ކުށުގެ އަދަބެއްގެ ގޮތުގައި 10 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށެވެ. އަދި މިފަދަ ކުށެއް ކުރުމަށް ސީދާ ގޮތުގައި އަދި ފާޅުގައި ގޮވާލުމަކީ ކުށަކަށް ހަދަން ބިލުގައި ހިމަނާފައިވެ އެވެ.

ad