ސިނަމާލެ ބްރިޖުން ސައިކަލުގައި ބާރު ސްޕީޑްގައި އައިސް ފުލުހެއްގެ ގައިގައި ޖެއްސި މީހުން އޭރު ތިބީ މަސްތުގެ ޙާލަތުގައި ކަމަށް ފުލުހުން ބުނެފިއެވެ.
މިމައްސަލައިގައި ހައްޔަރު ކޮއްފައި ވަނީ އަހްމަދު ޝިނާޒް، މަލަކަ/ކ.ގާފަރު 30އ، އަނޫފް ބިން މުޙައްމަދު ހ. ފިލްމީސައިޓް/ކ.މާލެ 21އ އަބްދުﷲ ސަމާހް ހަސަން ޞާދިޤް އުއްދަނޑިމާގެ/ހދ.ކުޅުދުއްފުށި 20އ، އަދި އަޙްމަދު މާއިޝް މުޙައްމަދު މާހިރު ފެނީވާ/ ސ.ހިތަދޫ 21އ އެވެ.
މިމީހުންގެ މައްޗައް އުފުލާފައިވާ ދައުވާ އަކީ މަސްތުގެ ހާލަތުގައި ތިބެ ޢާއްމުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތައް އެއްގަމު އުނޅަނދު ދުއްވުމުގެ ދަޢުވާ އެވެ. ކޯޓު އަމުރުގައި ވާގޮތުން މިމީހުންގެ ޔޫރިންގެ ވަގުތީ ނަތީޖާ މަސްތުވާތަކެއްޗައް ޕޮސިޓިވް ވެފައިވާ ކަމަށް ޕޮލިހުން ބުނެއެވެ. އަދި ބާރު ސްޕީޑް ގައި ނުރައްކާތެރިކޮށް ސައިކަލުގައި ދުއްވާފައި ގޮސް ފުލުހުން ޖަހާފައިވާ ވީޕީސީ ބެރިކޭޑްގައި ޖައްސާ އެތަނުގައި ހުރި ފުލުހަކަށް ސީރިއަސް އަނިޔާތަކެއް ދީފައިވަކަން ވެސް ފުލުހުން ވަނީ ކޯޓުގައި ފާހަގަ ކޮއްފައެވެ.
ސިނަމާލެ ބްރިޖްގައި ހިނގި ހާދިސާގައި ފުލުސް މީހާގެ ގައިގައި ޖައްސާފައިވަނީ ގަސްދުގައި ކަމަށް ފުލުހުން މިހާ ތަނައް ކުރި ތަހުޤީޤުން ބެލެވޭކަމަށް ޕޮލިސް ކޮމިޝަނަރ އަޙްމަދު މުޙައްމަދު ވަނީ ވިދާޅުވެފައެވެ.
ކޯޓުން ވަނީ މިމީހުންގެ ބަންދުގެ މުއްދަތައް 5 ދުވަސް ޖަހާފައެވެ.

