logo

ޕާސްޕޯޓުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު އައު ބަދަލުތަކެއް

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

މޯލްޑިވްސް އިމިގްރޭޝަނުން ފޯރުކޮށްދޭ ޕާސްޕޯޓުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު ހިދުމަތަށް އައު ބަދަލުތަކެއް ގެނެސްފިއެވެ.

އިމިޤްރޭޝަންގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި އެ ދެ ޚިދުމަތް އިފްތިތާޙުކޮށްދެއްވީ، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާންއެވެ.

އިމިގްރޭޝަނުން އަލަށް ތައާރަފުކުރި ހިދުމަތުން ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކަށް އިސްކަންދީގެން، އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދޭނެެެއެވެ.

އެގޮތުން، އިސްރަށްވެހިންނަށް ޕާސްޕޯޓު ފޮޓޯ ނެގުމާއި އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރުމުގައި އެހީތެރިކަން ބޭނުންވާ މީހުންނަށް ހާއްސަ އިންތިޒާމެއް މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

ރޭގެ ރަސްމިއްޔާތުގައި އިމިގްރޭޝަނުން ވަނީ ހިދުމަތް ހޯދަން ދާ މީހުން މަޑުކޮށްލައިގެން ތިބެވޭނެ ހިތްގައިމު މާހައުލަކާ އެކު، މައުލޫމާތާއި އިރުޝާދު ދިނުމަށް ހާއްސަ "އިންފޮމޭޝަން ކައުންޓަރެއް" ވެސް ހުޅުވާފައެވެ.

އެ ހިދުމަތްތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހު ވިދާޅުވީ ރައްޔިތުންނާ އެންމެ ގާތުން ގުޅިފައިވާ މިފަދަ ހިދުމަތްތައް މެދުނުކެނޑި ތަރައްގީ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ދިވެހި ޕާސްޕޯޓްގެ ހިދުމަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭ އެންމެ މުހިންމު އެއް ހިދުމަތް ކަމަށާއި މިއަދު ރާއްޖޭގެ ހުރިހާ އަތޮޅަކުން އެ ހިދުމަތް ލިބެން ހުރި އިރު، އިމިގްރޭޝަނުގެ އަމާޒަކީ މި ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކޮންމެ ރައްޔިތަކަށް ވެސް އެއްވެސް ތަކުލީފެއް ނެތި، ފަސޭހަކަމާ އެކު ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް ފަސީހު ވިދާޅުވިއެވެ.

ވެލާނާގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އިމިގްރޭޝަން ހެޑް އޮފީހުގެ ތެރޭގައި ހުޅުވި "އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ" މައުރަޒުން 1950 ވަނަ އަހަރު އިމިގްރޭޝަން އުފެދުނީއްސުރެ މިއަދާ ހަމައަށް މުއައްސަސާ ބައްޓަން ކުރުމުގައި ހިއްސާވި ފަރާތްތަކާއި ހޯދާފައިވާ ކުރިއެރުންތަކުގެ ތަސްވީރު ފެންނާނެއެވެ.

"ފްރޮމް ދަ އާކައިވް"ގެ ނަމުގައި ޚާއްސަ ކޮށްފައިވާ ބައިގައި، މުއައްސަސާގެ ކުރީގެ ފޮޓޯތަކާއި އިމިގްރޭޝަންގެ ކުރިއެރުމަށް މަސައްކަތް ކުރި އޮފިސަރުންގެ ހަނދާންތައް ދައްކައިދެ އެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިމިގްރޭޝަންގެ ހިދުމަތްތައް ފުޅާވެފައިވާ މިންވަރާއި މިހާރު ދިވެހި ޕާސްޕޯޓުގެ ހިދުމަތް ލިބެން ހުރި ރަށްތައް އަންގައިދޭ ޗާޓެއް ވެސް ހިމެނެއެވެ.

ad