މިއަހަރު ނިމޭއިރު ރަސްމީ ރިޒާވުގައި ހުންނާނީ 817 މިލިޔަން ޑޮލަރު ކަމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފިއެވެ. ދައުލަތުގެ ރިޒާވު ހަރުދަނާ ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިއަހަރުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ، 817.17 މިލިޔަން ޑޮލަރުގައެވެ. މިއީ މިދިޔަ އަހަރު މިއަދަދު ހުރި މިންވަރާ އަޅާ ބަލާއިރު 16.9 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ރަސްމީ ރިޒާވު އަހަރު ނިމުނު އިރު ހުރީ 984.6 މިލިޔަން ޑޮލަރުގައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން ތަކެތީގެ އަގުތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ބޮޑު ދަރަންޏެއް ވަނީ ދައްކާފައެވެ. އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ރިޒާވް ހުންނާނެ ކަމަށް ލަފާކޮށްފައިވާ މިންވަރު އަންދާޒާކޮށްފައިވަނީ ތަކެތީގެ އަގަށް އައިސްފައިވާ ބަދަލާއި ބޭރުފައިސާގެ އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކާއި މަނިޓަރީ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުތަކަށް ބިނާކޮށެވެ. އަދި މި އަންދާޒާ ކުރުމުގައި ލިބޭނެ ކަމަށް ލަފާކުރާ ބޭރުފައިސާގެ ފައިނޭންސިންގްއަށް ވެސް ބަލާފައިވާނެ ކަމަށް ބަޖެޓު ފޮތުގައިވެއެވެ.
މިއަހަރު ނިމޭއިރު، ދައުލަތުގެ ރިޒާވް ހުންނާނެ މިންވަރު ލަފާކޮށްފައިވާއިރު މިއަދަދު މިދިޔަ އަހަރުގެ ނިޔަލަށް ހުރި އަދަދަށް ވުރެ ދަށްވެފައިވަނީ ދައުލަތުގެ ރިޒާވް ބޭރުގެ ދަރަނި ދެއްކުމަށް ބޭނުން ކުރުމުގެ ސަބަބުންނެވެ. މިއަހަރުގެ ޖަނަވަރީ މަހު ދައުލަތުގެ ރަސްމީ ރިޒާވް 1 ބިލިޔަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވެއެވެ. އަދި ރިޒާވް ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކާ އެކު މާރިޗު މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވް 1.3 ބިލިޔަން ޑޮލަރަށް މަތިކޮށްފައިވެއެވެ. ރިޒާވް ހަރުދަނާކުރުމަށް ބޭރުފައިސާގެ ޤާނޫނަށް ސަރުކާރުން ވަނީ އިސްލާހު ތަކެއް ގެނެސްފައެވެ. އަދި ރާއްޖެއަށް ވަންނަ ބޭރުފައިސާގެ އާމްދަނީގެ ތެރެއިން ޝަރުތުހަމަވާ ވިޔަފާރިތަކުން ބޭންކުތަކަށް ބޭރުފައިސާގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން މިހާރު ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ. މިގޮތަށް މާރުކުރެވޭ ބޭރުފައިސާގެ ތެރެއިން ބައެއް، މަރުކަޒީ ބޭންކަށް ވިއްކާ އިރު، މަރުކަޒީ ބޭންކުން ރިޒާވް ހަރުދަނާކުރުމަށް އޭގެއިން ބައެއް ބޭނުންކުރެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 547.7 މިލިޔަން ޑޮލަރެވެ. މިއީ އޮގަސްޓު މަސް ނިމުނުއިރު ރިޒާވުގައި ހުރި އަދާދާ އަޅާ ބަލާއިރު 14.9 އިންސައްތަ ދަށް އަދަދެކެވެ. އޮގަސްޓު މަހު ރަސްމީ ރިޒަރވްގައި ހުރީ 643.9 މިލިޔަން ޑޮލަރެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ނިޔަލަށް ޔޫޒަބަލް ނުވަތަ ބޭނުންކުރެވޭ ރިޒާވުގައި ހުރި މިންވަރުވެސް ވަނީ ދަށްވެފައެވެ. އެގޮތުން އޮގަސްޓު މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި 200.6 މިލިޔަން ޑޮލަރު ހުރިއިރު، ސެޕްޓެމްބަރު މަސް ނިމުނުއިރު މި އަދަދު ވަނީ 167.7 މިލިޔަން ޑޮލަރަށް ދަށްވެފައެވެ.

