logo

ރަސްމާލޭ މައްސަލައިގަ ރެފަރަންޑަމަކަށް ދާން އެދި ހުށަހެޅި ގަރާރުގެ މަސައްކަތް އެޖެންޑާކުރި ކޮމިޓީ ފަސްކޮށްފި

ދިޔާމާ އިބްރާހިމް
3 ގަޑިއިރު ކުރިން

އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި މަޝްރޫއެއް ކުރިއަށް ގެންދަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލައި އެމްޑިޕީގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތާމެދު ގޮތެއް ނިންމުމަށް އެޖެންޑާކުރި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ފަސްކޮށްފިއެވެ.

މިއަދު މެންދުރު 12:30 އަށް ތާވަލުކުރި މާލިއްޔަތު ކޮމިޓީގެ މި ބައްދަލުވުމުގެ އެޖެންޑާގައި އޮތީ އެ ގަރާރުގެ މަސައްކަތް ނިންމުމުގެ ސުންގަޑި ކަނޑައަޅައި މަސައްކަތް ކުރިއަށްގެންދާނެ ގޮތަކާމެދު މަޝްވަރާކުރުމާއި، ކޮމިޓީގައި ހުރި އެހެނިހެން މައްސަލަތައް ދިރާސާކުރުމެވެ.

މި ކޮމިޓީގެ ބައްދަލުވުން ޝެޑިއުލް ކުރުމަށް ފަހު މަޖިލީހުން ވަނީ އެ ކޮމެޓީގެ ބައްދަލުވުން ފަސްކޮށްފައިވާކަން ހާމަކޮށްފައެެވެ. އެހެންނަމަވެސް ބައްދަލުވުން އަލުން ބާއްވާނެ ވަކި ތާރީޚެއް ނުވަތަ ވަގުތެެއް މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މި ބައްދަލުވުން ފަސްކޮށްފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުން މި ގަރާރު މަޖިލީހަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީން މި މަހުގެ 4 ވަނަ ދުވަހު ކަން އެމްޑީޕީގެ ޕާލެމެންޓްރީ ގްރޫޕުން ވަނީ ހާމަކޮށްފައެވެ.

ގާނޫނުގައިވާ ގޮތުން މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމުކަމަށް ފެންނަ ކަންކަމުގައި ފެންނަނުފެންނަ ވޯޓެއް ނަގަން ކަނޑައެޅިދާނެއެވެ. އެގޮތުން މަޖިލީހުގެ ގަވާއިދުގެ ތެރެއިން މެމްބަރަކަށް ރައްޔިތުންގެ އާންމު ވޯޓު ނެގުމަށް ގަރާރެއް ހުށަހެޅިދާނެއެވެ. އަދި އެފަދަ ގަރާރެއް ހުށަހަޅައިފިނަމަ މަޖިލީހުގައި އިއުލާނު ކުރުމަށްފަހު ބަހުސްކުރުމަކާ ނުލައި ދިރާސާކުރަން ކޮމިޓީއަކަށް ފޮނުވަން ޖެހެއެވެ. މީގޮތަށް ހުށަހެޅޭ ގަރާރު ދިރާސާކޮށް ފުރިހަމަކުރުމަށްފަހު 14 ދުވަހުގެ ތެރޭގައި މަޖިލިސް ތަޅުމަށް އަލުން ފޮނުވަން ޖެހޭ ކަމަށް ގަވާއިދުގައި ބުނެއެވެ.

އެހެން ނަމަވެސް މި ގަރާރު ކޮމިޓީއަށް ފޮނުވާފައިވަނީ ގަވާއިދާ ހިލާފަށް އެ މުއްދަތު ފާއިތުވެފައި ވަނިކޮށް ކަމަށް އެމްޑީޕީގެ ޕާލެމެންޓްރީ ގްރޫޕުން ވަނީ ހާމަކޮށްފައެވެ.

ad