ޢާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޢަމަލުކުރި ބައެއްގެ މައްސަލަ އިސްތިއުނާފުކުރުމަށް ނިލަންދޫ ކޯޓަށް ހުށަހަޅައިފައިވާ ޕޮރޮސެކިއުޓާރ ޖެނެރަލް އޮފީސް (ޕީޖީ) އިން ހުށަހަޅައިފިއެވެ.
މި މަސައްލައަކީ ގއ. ނިލަންދޫ، ފެހިވިނަ، މުއުމިން ޙަސަން އާއި ގއ. ނިލަންދޫ، ސަރްދީގެ، ޢަލީ އިބްރާހީމް، 29 މޭ 2025 ދުވަހުގެ ރޭގަނޑު ގއ. ނިލަންދޫ މަގުމަތީގައި ޢާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަޑުގަދަކޮށް، ތޫނު ހަތިޔާރު ގެންގުޅެ، މާރާމާރީ ހިންގަން އުޅުނުކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ދަޢުވާތައް 23 ޖުލައި 2025 ގައި ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
ގއ. ނިލަންދޫ، ފެހިވިނަ، މުއުމިން ޙަސަންގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން، މަޤްބޫލު ސަބަބެއްނެތި ޢާއްމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 615 ވަނަ މާއްދާގެ ދަށުން، ޢާންމު ތަނެއްގައި ހުރި މީހަކު، އެ މީހެއްގެ ޢަމަލެއްގެ ސަބަބުން އެހެން މީހަކަށް ބިރު ހީވާނެކަން އެނގިހުރެ، މާރާމާރީހިންގައި، ތަޅައިފޮޅައި، ހަރުކަށިކޮށް ނުވަތަ ބިރު އުފެދޭގޮތަށް އުޅުމާއި، ގއ. ނިލަންދޫ، ސަރްދީގެ، ޢަލީ އިބްރާހީމްގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 615 ވަނަ މާއްދާގެ ދަށުން، ޢާންމު ތަނެއްގައި ހުރި މީހަކު، އެ މީހެއްގެ ޢަމަލެއްގެ ސަބަބުން އެހެން މީހަކަށް ބިރު ހީވާނެކަން އެނގިހުރެ، މާރާމާރީހިންގައި، ތަޅައިފޮޅައި، ހަރުކަށިކޮށް ނުވަތަ ބިރު އުފެދޭގޮތަށް އުޅުނު މައްސަލައެވެ.
29 މޭ 2025 ދުވަހުގެރޭ ގއ. ނިލަންދޫގެ މަގުމަތީގައި ޢާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ތޫނު ހަތިޔާރު ހިފައިގެން ނުކުމެ މާރާމާރީ ހިންގައި، އަޑުގަދަކޮށް، ރަށު ތެރޭގެ އަމަންއަމާންކަން ނަގާލުމުގެ ތުހުމަތުގައި ދަޢުވާކޮށްފައިވާ މައްސަލައެއްކަމަށްވާއިރު، ދަޢުވާގައި ބަޔާންކޮށްފައިވާ ޢަމަލުތައް ދަޢުވާގައި ބަޔާންކޮށްފައިވާ ރޭ، މުއުމިން ޙަސަން އާއި ޢަލީ އިބްރާހީމް ކުރިކަމަށް ދައުލަތުން ހުށަހެޅި 4 (ހަތަރު) ޝަފަހީ ހެކިން ޝަރީޢަތުގެ މަޖްލީހުގައި ހެކިބަސްދީފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ. އަދި މައްސަލާގައި ހުށަހަޅާފައިވާ ފޮޓޯ ރިޕޯޓުންވެސް އެކަން އެނގެން އޮއްވާ މި ދަޢުވާތައް ސާބިތުނުވާކަމަށް 26 ނޮވެންބަރު 2026 ދުވަހު އެ ކޯޓުން ނިންމާފައިވާ ކަމަށެވެ.
އެ ނިންމުން ބިނާކުރި މައިގަނޑު އަސާސަކީ، ދަޢުވާ ފޯމުގައި، ކުށުގެ ޢަމަލު ހިނގި ސަރަޙައްދު ބަޔާންކުރުމުގައި ކުށެއް ލިޔެވިފައިވުން ކަމަށާއި، ދަޢުވާ ފޯމުގައިވާ މިދެންނެވި ކުށަކީ، އިދާރީ ކުށެއް ކަމާއި، ރަނގަޅު ގޮތަކީ ކޮބައިކަން އެ އޮފީހުން ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށް ސާފުކޮށްދެވިފައިވުން ކަމަށެވެ. މި މައްސަލާގައި ދަޢުވާކޮށްފައިވާ ކުށުގެ ޢަމަލު ފުރިހަމަވުމަށްޓަކައި ދައުލަތުން ސާބިތުކޮށްދޭން ޖެހެނީ ޢާންމު ތަނެއްގައި އެފަދަ ޢަމަލެއް ހިންގިކަން ކަމަށެވެ. އަދި އެކަންކުރީ ވަކި ޚާއްޞަ ތަނެއްކައިރީގައި ކަމުގައި ވުމަކީ ދަޢުވާކޮށްފައިވާ ކުށުގެ ޢުންޞުރެއް ނޫން ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން، ދަޢުވާ ފޯމުގައި މިފަދަ ކުށެއް ލިޔެވިފައި އޮތުމަކީ އޭގެ ސަބަބުން ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ކުރެވިފައިވާ ދަޢުވާ، ދަޢުވާ ލިބޭ ފަރާތަށް އޮޅިދާނެ ޙާލަތެއްގައި މެނުވީ، އެ ދަޢުވާއަށް އަސަރުކުރާނެ ކަމެއް ކަމުގައި ނުބެލެވޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
އިސްވެ ދެންނެވުނު ސަބަބުތައް އެގޮތަށް ހުރުމުން، މި ދަޢުވާތައް ސާބިތުނުވާ ކަމަށް ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޤަޞްދު ކުރާ ކަމަށް ޕީޖީން ވަނީ ފާހަގަ ކޮށްފައެވެ.


