މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ޒަމާނީކުރުމުގެ ގޮތުން، އެ މުއައްސަސާގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯނާއި ބޮޑީވޯން ކެމެރާ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
ކަސްޓަމްސްގެ ޚިދުމަތަށް 136 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އިފްތިތާޙުކުރި މި ވަސީލަތްތަކުގެ ތެރެއިން ސަވައިލަންސް ޑްރޯނަކީ އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކޮށްފައިވާ އެއްޗެކެވެ.
އަދި އޮފިސަރުން ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާތަކަކީ އެމެރިކާ ސަރުކާރުގެ އެހީތެރިކަމާއެކު ލިބިފައިވާ ވަސީލަތްތަކެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވީ، އަލަށް ތަޢާރަފްކުރެވުނު މި ޓެކްނޮލޮޖީގެ ސަބަބުން ކަސްޓަމްސްގެ ކޮންޓްރޯލް ސަރަޙައްދުތައް ބެލެހެއްޓުން އިތުރަށް ވަރުގަދަވެ، އެ މުއައްސަސާއަށް އޮތް އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކަސްޓަމްސްގެ ޚިދުމަތްތައް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ރޭވިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކަސްޓަމްސްގެ 136 އަހަރުވީ ދިގު ތާރީޚުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ "އެންމެ ދުވަސްވީ މުއައްސަސާ ރެޔާއި ދުވާލު ޚިދުމަތުގައި 136 އަހަރު" މި ފޮތްވެސް މި ޖަލްސާގައި ވަނީ ނެރެފައެވެ.
ހަމައެއާއެކު، ޚިދުމަތުގައި ފާހަގަކޮށްލެވޭ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން 4 އޮފިސަރަކަށް 'ރައީސުލްޖުމްހޫރިއްޔާގެ ކުލަ'، 20 އަހަރު ޚިދުމަތްކުރެއްވި 29 އޮފިސަރަކަށް ރަން ބެޖު، އަދި 28 އޮފިސަރަކަށް ކޮމިޝަނަރ ޖެނެރަލްގެ އެވޯޑު ވަނީ އަރުވާފައެވެ.

