logo

ވީއައިއޭގެ ތަރައްޤީއާއެކު ދަތުރުފަތުރުގެ ގުޅުން ހަރުދަނާވެ އިޤްތިޞާދީ ފުރުޞަތުތައް ފުޅާވެއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
10 ގަޑިއިރު ކުރިން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ތަރައްޤީކުރުމުގައި މުހިންމު ލަނޑުދަނޑިތަކެއް ޙާޞިލްކޮށް އިޤްތިޞާދީ ފުރުޞަތުތައް ފުޅާވެފައިވާ ކަމަށް އެކުންފުނިން ހާމަ ކޮށްފިއެވެ.

މި ތަރައްޤީތަކާއެކު ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ އޮނިގަނޑު އިތުރަށް ހަރުދަނާވެ، ބޭރު ޤައުމުތަކާއެކު އޮތް ގުޅުން ފުޅާވެފައިވެއެވެ. އަދި ޤައުމީ އިޤްތިޞާދު ކުރިއެރުވުމަށް އައު ފުރުޞަތުތަކެއް ހުޅުވިފައިވެއެވެ.

އެއަރޕޯޓުގެ ވަސީލަތްތަކާއި އޮޕަރޭޝަންތައް ތަރައްޤީކުރުމާއެކު، ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެފައިވެއެވެ. މި ބަދަލުތަކަކީ ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި އެއަރޕޯޓުގެ ދައުރު ހަރުދަނާވެ، ފަތުރުވެރިކަމަށާއި ވިޔަފާރިއަށް އަދި ޤައުމީ އިޤްތިޞާދަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި ތަރައްޤީގެ އެންމެ މުހިންމު ލަނޑުދަނޑިއަކީ 26 ޖުލައި 2025 ގައި ހުޅުވުނު އައު ބައިނަލްއަޤްވާމީ ޕެސެންޖަރ ޓަރމިނަލް (ޓަރމިނަލް 1) އެވެ. ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައިވާ މި ވަސީލަތުގެ ސަބަބުން ދަތުރުވެރިންގެ ތަޖުރިބާ މުއްސަނދިވެ، ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން އިތުރެވެގެން ގޮސްފައިވެއެވެ. މީގެ އިތުރުން، 17 ފެބުރުވަރީ 2026 ގައި ޓަރމިނަލް 2 ހުޅުވުމާއެކު، އެތެރޭގެ އުދުހުންތަކަށް ޒަމާނީ ފަސޭހަތަކެއް ލިބި، ރާއްޖޭގެ އެކި ކަންކޮޅުތަކާއޮތް ދަތުރުފަތުރުގެ ގުޅުން ހަރުދަނާވެފައިވެއެވެ.

ސީ-ޓު-އެއަރ ކާގޯ އިނީޝިއޭޓިވްގެ ދަށުން އެއަރޕޯޓުގެ ކާގޯ ދާއިރާއިން ވެސް ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރެވިފައިވެއެވެ. އެގޮތުން 15 ޖެނުއަރީ 2024 ގައި އިމްޕޯޓް ކާގޯގެ ޚިދުމަތް ފަށައި، 11 އޮގަސްޓު 2024 ގައި އެކްސްޕޯޓް ކާގޯގެ އޮޕަރޭޝަންތައް ފެށުމާއެކު، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ވައިގެ މަގުން މުދާ އުފުލުމުގެ ފުރުޞަތުތައް ފުޅާކުރުމުގެ ޤާބިލުކަން އެއަރޕޯޓަށް އިތުރުވެގެން ދިޔައެވެ.

މީގެ އިތުރުން، 7 ނޮވެމްބަރު 2024 ގައި ޚިދުމަތްދޭން ފެށުނު އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމާއެކު ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމާއި ތެޔޮ ރައްކާކުރުމުގެ ނިޒާމު އެތައް ގުނައެއް ފުޅާކުރެވި ހަރުދަނާ ކުރެވިފައިވެއެވެ. ހަމައެއާއެކު، 27 ޖޫން 2024 ގައި ހުޅުވުނު އައު ފަޔަރ ސްޓޭޝަނުގެ ސަބަބުން ކުއްލި ޙާލަތްތަކަށް އިޖާބަދިނުމުގެ ޤާބިލުކަން އިތުރުވިފައިވެއެވެ.

މި މަޝްރޫޢުތަކަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ ޒަމާނީ ކުރުމަށް އެޅިފައިވާ ވަރަށް މުހިންމު ފިޔަވަޅުތަކެކެވެ. މީގެ ފައިދާތައް އެއަރޕޯޓުގެ އޮޕަރޭޝަންތައް ރަނގަޅުވުމުގެ އިތުރުން، ފަތުރުވެރިކަން ކުރިއެރުވުމަށާއި، ވިޔަފާރިތަކަށް ލުއިފަސޭހަވުމަށާއި، އެތެރޭގެ ދަތުރުފަތުރުގެ ގުޅުން ބަދަހިވުމަށާއި، އަދި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ވާދަވެރިކަން އިތުރުކުރުމަށް ވަނީ މަގުފަހިވެފައެވެ.

މި މުހިންމު ވަސީލަތްތަކާއެކު ޚިދުމަތް ދޭން ފެށިފައިވާއިރު، އެމްއޭސީއެލްގެ މައިގަނޑު އަމާޒަކީ މި ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފައި، ޚިދުމަތްތަކުގެ ފެންވަރު އެންމެ މަތީ ދަރަޖައަށް ގެންގޮސް، ދުނިޔޭގެ އޭވިއޭޝަން ދާއިރާއަށް އަންނަ ބަދަލުތަކާ ފައިހަމަކުރެވޭނެ ފަދަ ފުރިހަމަ އެއަރޕޯޓަކަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހެދުމެވެ. މިއީ ރާއްޖެއާއި ބޭރު ދުނިޔެ އަދި އެތެރޭގެ ދަތުރުފަތުރުގެ ގުޅުވައިދިނުން ހަރުދަނާކޮށް، އިޤްތިޞާދީ ގޮތުން ޤައުމު ބާރުވެރިކުރުމަށާއި ދުރު ރާސްތާގެ ފާގަތިކަމަށްޓަކައި އެޅުނު ވަރުގަދަ ބިންގަލެކެވެ.

ފާއިތުވި 3 އަހަރު ތެރޭގައި، މިހާރުގެ ސަރުކާރުގެ އިރުޝާދުގެ ދަށުން އެމް.އޭ.ސީ.އެލް އިން އުމްރާނީ ތަރައްޤީގެ މުހިންމު ލަނޑުދަނޑިތަކެއް ޙާޞިލްކޮށްފައިވެއެވެ. ކާގޯ ޓަރމިނަލާއި، ފިއުލް ފާމަށާއި، ޕެސެންޖަރ ޓާމިނަލްތަކަށް ގެނެވުނު އިންގިލާބީ ބަދަލުތަކަކީ ރާއްޖޭގެ އިޤްތިޞާދާއި ފަތުރުވެރިކަމަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެކެވެ. މި ކުރިއެރުންތަކާއެކު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ ސަރަޙައްދީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ފުރިހަމަ ޚިދުމަތްތަކެއް ދޭ ތަނަކަށް ހެދުމަށް ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ.

ad