ސަރުކާރުން ތަރައްގީކުރާ މީޑިއާ ވިލެޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ބައްލަވައިލައްވައިފިއެވެ.
ރާއްޖޭގެ މީޑިއާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ މީޑިއާ ވިލެޖު ތަރައްޤީކުރަމުންދަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯއިން ތަރައްޤީކުރި ސިޓީ ހޮޓެލް އިމާރާތުގައެވެ. އެ އިމާރާތުގައި މީޑިއާ ވިލެޖް ހެދުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު، މުޙައްމަދު ހުސެއިން ޝަރީފް ވިދާޅުވި ގޮތުގައި އަންނަ މަހުގެ ނިޔަލަށް މީޑިއާ ވިލެޖުގެ މަސައްކަތް ނިންމައި، އެތަން ހަވާލު ކުރުމަށް މިހާރު އެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
މީޑިއާ ވިލެޖުގެ މަސައްކަތް އަންނަ މަހަން ނިންމުމަށް ސައްކަތް ކުރަމުންދާއިރު ވަޒީރު ޢަލީ އިޙްސާން ވަނީ މީޑިއާ ވިލެޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލައްވާފައެވެ. ވަޒީރު ވަނީ މަސައްކަތް ކުރިއަށްދާ ސައިޓަށް ޒިޔާރަތްކުރައްވާ، މަޝްރޫއު ހިންގާ ފަރާތްތާކާއި ބައްދަލުކުރައްވާ، މަސައްކަތްތައް ކުރިއަށްދާ މިންވަރު އޮޅުންފިލުއްވަވާފައެވެ.
މީޑިއާ ވިލެޖަކީ މީޑިއާތަކުން އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުން ބޮޑު ކުލީގައި އޮފީހާއި ސްޓޫޑިޔޯ ޖާގަ ކުއްޔަށް ނަގަން މަޖުބޫރުވެފައިވާތީ، މާލީގޮތުން ކުރިމަތިލާންޖެހިފައި އޮންނަ މިދަތި ހާލަތުން އަރައިގަނެ، ލިބޭ އާމްދަނީ އިން މީޑިއާ އިތުރަށް ތަރައްގީކޮށް ކުރިއަރައިގެން ދިޔުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން، ވަރަށް ކުޑަ އަގެއްގައި ކުއްޔަށް ނެގޭނޭ އޮފީސް އަދި ސްޓޫޑިޔޯ ޖާގަ ހިމެނޭ ގޮތަށް އިމާރާތް ކުރާ ތަނެކެވެ.
މި މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނޭއެވެ. މި ވިލެޖުގެ މައިގަނޑު މަޤްޞަދަކީ، ލުއި އަގެއްގައި އޮފީސް އަދި ސްޓޫޑިއޯ ޖާގަ ފޯރުކޮށްދީ، މީޑިއާތަކަށް ލިބޭ އާމްދަނީން އެ ދާއިރާ އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދިނުމެވެ.

