logo

ކ. އަދި ވ. އަތޮޅުގައި ޕްރައިމަރީ ހެލްތު ކެއާ ޕްރޮގްރާމް ފަށައިފި

އާމިނަތު މޫސާ
5 ގަޑިއިރު ކުރިން

ޕްރައިމަރީ ހެލްތު ކެއާ ޕްރޮގްރާމް ކ.އަދި ވ.އަތޮޅުގައި ފަށައިފިއެވެ.

ޕްރައިމަރީ ހެލްތު ކެއާ ނުވަތަ އިބްތިދާއީ ސިއްހީ ހިދުމަތުގެ ނިޒާމަކީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް މަދުކޮށް އެ ބަލިތައް އަވަހަށް ދެނެގަނެގެން، ރައްޔިތުންނާ ގާތުން އިތުބާރު ހުރި، ފެންވަރު ރަނގަޅު ވަށާޖެހޭ ހިދުމަތެއްގެ ތެރެއިން ސިއްޙީ ހިދުމަތް ފޯރުކޮށްދިނުމަށް ފެށި ޕްރޮގްރާމެކެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރަަމް ފައްޓަވައި ދެއްވައި، ސިއްހަތާއި އާއިލާ އަދި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ވަޒީރު ގީލާ އަލީ ވިދާޅުވީ މި ޕްރޮގްރާމް ކާމިޔާބާއެކު ކުރިއަށް ގެންދިއުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާކަމަށެވެ.

13 އަތޮޅެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި 2026 ވަނަ އަހަރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިޕްރޮގްރާމް ފުޅާކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ.

މި ޕްރޮގްރާމުގައި އާއްމު ބަލިތަކުގެ ހާލަތު ދެނެގަތުމަށްޓަކައި 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ ޕޭޝަންޓް ރެކޯޑެއް (މެޑިކަލް ހިސްޓްރީ) ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި މެޑިކަލް ހިސްޓްރީގައި މިހާތަނަށް ކުރެވުނު ބޭސްފަރުވާ މަޢުލޫމާތު ރިކޯޑް ކުރެވޭނެއެވެ.

އަދި ސިއްހީ ހިދުމަތްތެރިން ގޭގެއަށް ޒިޔާރަތްކޮށް ސިއްޚީ މަޢުލޫމާތު ފޯރުކޮށް، އެކި އެކި ބަލިބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުން ހިމެނެއެވެ.

ބަލިވުމަށްފަހު ބޭސްފަރުވާ ކުރާ ނިޒާމެކޭ އެއްފަދައިން ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ އާދަކާދަ އަށަގަންނަވާ، ބަލި އަވަހަށް ދެނެގަތުމަށް ފެށި މި އިބްތިދާއީ ސިއްހީ ނިޒާމަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިރުޝާދު ދެއްވާ ގޮތުގައި، ރައްޔިތުންނާއި ގާތުން ހަމަހަމަކަމާއެކު ޞިއްޚީ ޚިދުމަތް ދިނުމަށް އެންމެ އިތުބާރު ހުރި ނިޒާމެވެ.

މީގެއިތުރުން މި އިބްތިދާއީ ސިއްހީ ނިޒާމް ދިރުވާ އާލާކުރުމަށް ކ. އަތޮޅުގައި ބޭއްވި ރަސްމިއްޔާތުގައި "ޕްރައިމަރީ ހެލްތު ކެއާ ރީވައިޓަލައިޒޭޝަން ޕްރޮގްރާމް"ގެ ކޮމިއުނިކޭޝަން ކެމްޕޭން ވަނީ އިފްތިތާހް ކޮށްފައެވެ.

ad