ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ވިސާގެ ދަތިތަކަށް ދާއިމީ ޙައްލެއް ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާގެ ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ލަންކާގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ ދިވެހީން ބައިވެރިވި މި ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމަށް މިދިޔަ މުއްދަތުގައި އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރެވުނު އެއް ކަމަކީ ވިސާގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުން ކަމަށެވެ.
އެގޮތުން ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައިވެސް މިކަމަށް ލުޔެއް ހޯދުމަށް މަސައްކަތް ކުރައްވާފައިވާނެ ކަމަށާއި، މިހާރު ސްރީލަންކާ ސަރުކާރުން މިކަމަށް ދާއިމީ ޙައްލެއް ހޯދައިދޭނެ ކަމުގެ އިތުބާރު ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން އައު ފުރުސަތުތަކެއް ހޯދުމަށް ކުރެއްވި މުހިއްމު ދަތުރުފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ހުޅުވުމަށް ކުރެވެމުންދާ މަސައްކަތްތަކަށްވެސް އުންމީދީ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

