ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތުކުދިން ފޮސްޓާކުރާ އާއިލާތަކަށް ވިހެއުމުން ލިބޭ ފަދަ ޗުއްޓީއެއް ލިބޭނެ އިންތިޒާމް އަންނަ މަހު ހަމަޖެހިގެންދާނެކަމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އާއިލާތަކާ ޙަވާލުކުރުން ނުވަތަ ފޮސްޓަރކުރުމުގެ މަރުހަލާ ކުރިން އޮތްގޮތުން އެކަން ވަރަށް ދިގުލައިގެންދާތީ، އެކަމުގެ ޝައުގުހުރި އާއިލާތަކަށް އުނދަގޫތަކެއް ކުރިމަތިވާކަމަށެވެ.
އަދި ސަރުކާރުން މިހާރު "ޓެމްޕަރަރީ ފޮސްޓަރިން"ގެ ނަމުގައި އެކަމުގައި ލުއިގޮތްތަކެއް ހަމަޖައްސާފައިވާކަމަށާއި، ކުދިން ފޮސްޓަރކުރާ އާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތިކަން ހުރި އާއިލާތަކަށް ދައުލަތުގެ ތެރެއިން ކުއްޖަކަށް 5000 ރުފިޔާ މަހަކު ލިބޭގޮތަށް ޚާއްސަ އެލަވަންސްއެއް ހަމަޖައްސާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ފޮސްޓާކުރާ ކުދިންގެ ތެރޭގައި ވަރަށް ތުއްތުކުދިން ތިބޭ ކަމަށް ވަޒީރު ފާހަގަކުރެއްވެވިއެވެ. އަދި ބައެއް ފަހަރު ހޮސްޕިޓަލްގެ ތެރެއިން ހަވާލުވާ ކުދިންވެސް ތިބޭކަމަށް ވިދާޅުވިއެވެ. އެފަދަ ކުދިންނާ ހަވާލުވާ އާއިލާތަކަށް ވަޒީފާގައި އުޅެމުން ތުއްތުކުދިންނާއެކު ވަގުތު ހޭދަކުރުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެފަދަ އާއިލާތަކަށް ސިވިލް ސާވިސްގެ ތެރެއިން ހާއްސަ ޗުއްޓީއެއް ލިބޭނެ އިންތިޒާމް އަންނަމަހު ހަމަަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރކުރާ މިންވަރު މިހާރު އިތުރުވަމުންދާކަމަށާއި، މިއީ އުފާކުރަންޖެހޭކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން 17 ނޮވެމްބަރު 2023 އިން ފެށިގެން މިހާތަނަށް 111 ކުއްޖަކު އާއިލާތަކާ ޙަވާލުކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
