logo

ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ ނިޒާމު ޑިޖިޓަލްކުރަން، "ކުރި" ނަމުގައި ޕޯޓަލެއް

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ސަރުކާރުގެ ޚަރަދުގައި އެކި ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ފޮނުވުމުގައި ހުރި ދަތިތައް ހައްލުކުރުމަށާއި އެ ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް، "ކުރި" ނަމުގައި މިއަދު ޕޯޓަލެއް އިފްތިތާހުކޮށްފިއެވެ.

"ކުރި" ނިޒާމަކީ މަތީ ތައުލީމީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. މިއީ ތައުލީމީ ދާއިރާގައި ކުރެވޭ މަސައްކަތްތައް ޒިންމާދާރުކަމާއިއެކު ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި ޚިދުމަތްދޭ ފަރާތްތަކަށް ލިބިގެންދާނެ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

މިރަސްމިއްޔާތުގައިވަނީ މިނިޒާމް ބޭނުންކުރާ ދަރިވަރުން މެދުވެރިކޮށް މިނިޒާމް ބޭނުންކުރާނެގޮތްވަނީ ދައްކާލާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަތީ ތައުލީމާއި ބެހޭ ވަޒީރު ޑރ. ހައިދަރު ވިދާޅުވީ، ސަރުކާރުން ދެމުން އަންނަ ސްކޮލާޝިޕްތަކާއި މަތީ ތައުލީމުގެ ލޯނުތައް ލިބުމުގައި ދަރިވަރުންނަށް މިހާތަނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ. ހާއްސަކޮށް އިދާރީ ގޮތުން ކަންކަން ނިންމުމުގައި ހުރި ލަސްތަކާއި، ނިޒާމުގައި ހުރި ބަލިކަށިކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރައި، ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ކުރި" ނިޒާމަކީ ދަރިވަރުންގެ ބޭނުންތަކަށް އިސްކަންދޭ، އިތުބާރުހުރި އަދި ހަލުވި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވާ އިސްކަމުގެ ތެރެއިން ތައާރަފުކުރެވުނު ނިޒާމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ޕޯޓަލްގެ ސަބަބުން ލިޔެކިޔުންތައް ފުރިހަމަކުރުން އަވަސްވެ، ލަސްވުމެއްނެތި ފައިސާ ދޫކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި މަސައްކަތަކީ ދައުލަތުގެ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "މޯލްޑިވްސް 2.0" ގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މާލީ ނުވަތަ އިދާރީ އެއްވެސް ހުރަހަކާ ހުރެ އެއްވެސް ދަރިވަރަކަށް ތައުލީމީ ފުރުސަތެއް ނުގެއްލޭނެކަން ކަށަވަރުކުރުން ކަމަށްވެސް ހައިދަރު ވިދާޅުވިއެވެ.

ދަރިވަރުންގެ ޝަކުވާތަކާއި މާލީ މައްސަލަތަކަށް ހައްލު ހޯދައިދޭން މި ޕޯޓަލް ތައާރަފުކުރިއިރު، ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށްގެން އުފައްދާ "ހަޔަ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް" މޮބައިލް އެޕްލިކޭޝަންގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.

ad