logo

ރާއްޖެއާއި ސީޝެލްސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭނެ

އާމިނަތު މޫސާ
42 މިނިޓު ކުރިން

ދިވެހިރާއްޖެއާއި ސޭޝެލްސްއާއި ދެމެދު ވިސާއާއި ނުލާ ދަތުރުކުރެވޭ އެއްބަސްވުމެއް ގާއިމްކޮށްފިއެވެ.

ރާއްޖެއާ އެގައުމާ ދެމެދު ވެފައިވާ ވިސާ އެގްޒެމްޕްޝަން އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ ސީޝެލްސްގެ ޚާރިޖީ ވަޒީރު ބެރީ ފޯރ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ދިވެހިރާއްޖެއާއި ސޭޝެލްއާއި ދެމެދު ގާއިމްކުރި ވިސާ ވެއިވަރ އެއްބަސްވުމާއި ގުޅޭގޮތުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ދިވެހިރާއްޖެއާއި ސޭޝެލްސްއާ ދެމެދު ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭނެ އެއްބަސްވުމަށް މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް ވިސާއާ ނުލައި 30 ދުވަހު ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވަޒީރު އިރުތިޝާމް ވިދާޅުވިއެވެ.

View post on Twitter

މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާވެގެންދާނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، މި ތާރީޚީ ނިންމުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ފަތުރުވެރިކަމާއި އިންވެސްޓްމަންޓްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަދި މީގެ ސަބަބުން ގިނަ އަދަދެއްގެ ދިވެހިންނާއި ސީޝެލްސްގެ ރައްޔިތުން ދެ ޤައުމުގެ ރީތި ރަށްތަކާއި ކަނޑުފަޅުތަކުގެ ތަޖުރިބާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ސީޝެލްސްއާއެކު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކުރީ، 1 ޖުލައި 1980 ގައެވެ. ދެ ޤައުމުގެ ގުޅުމަށް މިއަހަރު 46 އަހަރު ފުރޭނެއެވެ.

ad