މ.ވޭވަށުގައި ގާއިމުކުރާ އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިއީ ރާއްޖޭގެ މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެގޮތް ފަހިކުރުމަށްޓަކައި މަސްވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ކުރަމުންދާ މަސައްކަތުގެ ދަށުން މިފްކޯއާ ހަވާލުކޮށްގެން ކުރާ މަސައްކަތެކެވެ.
ވޭވަށު އައިސް ޕްލާންޓު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 27 ސެޕްޓެމްބަރު 2025 ގައެވެ. 240 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ މި މަސައްކަތުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި މަސައްކަތަށް ބޭނުންވާ ސާމާނު ސައިޓަށް ގެންގޮސް، މިހާރު ކުރަމުންދަނީ އައިސް ޕްލާންޓު އިމާރާތުގެ ފައުންޑޭޝަން މަސައްކަތް ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.
ވޭވަށުގައި ގާއިމުކުރާ އައިސް ޕްލާންޓަކީ ދުވާލަކަށް 60 ޓަނުގެ ފްލޭކް އައިސް އުފެއްދުމުގެ ގާބިލުކަން ހުންނަ ޕްލާންޓެކެވެ. މި ޕްލާންޓު ގާއިމުކުރަނީ 100 ޓަނުގެ އައިސް ރައްކާކުރެވޭ ސްޓޯރޭޖް ފެސިލިޓީއަކާވެސް އެކުގައެވެ. މިފްކޯއިން ބުނީ މި އައިސް ޕްލާންޓުގެ ސަބަބުން އެ ސަރަހައްދުގެ މަސްވެރިންނަށް އައިސް ލިބުމުގެ ޔަގީންކަން ބޮޑުވެ، މަސްވެރިކަމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އައިސް ޕްލާންޓު ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން 6 ރަށެއްގައި ގާއިމްކުރި އައިސްޕްލާންޓްތައް އޮޕަރޭޝަނަށް ވަނީ ގެނެސްފައެވެ. މިއާއެކު އުތުރާއި ހުވަދުއަތޮޅުގައި އަލަށް ގާއިމްކުރި އައިސްޕްލާންޓްތަކާއި އެ ސަރަޙައްދުގައި މަސްވެރިކަން ކުރާ ފާރަތްތަކަށް ލުއިފަސޭހަތަކެއް ލިބޭނެކަމަށެވެ. މީގެ އިތުރުން މިހާރުވެސް 9 އައިސްޕްލާންޓެއް ގާއިމްކުރުމުގެ ޢަމަލީ މަސައްކަތް ދަނީ ކުރަމުންނެއެވެ.
މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، މަސްވެރިންނަށް ބޭނުންވާ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެއްކަމަށާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ ވެސް ބައެއްކަން މިފްކޯއިްނ ފާހަގަކުރެއެވެ.
މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ ގޮތް ހަދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

