logo

އެކި ސްކީމްތަކުން ގޯތި ލިބުނު މީހުންނަށް، ފްލެޓަށް ކުރިމަތިލެވޭގޮތަށް ހުޅުވާލަން ނިންމައިފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
11 ގަޑިއިރު ކުރިން

ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންނާއި، އަދި އެހެނިހެން ސްކީމްތަކުން ގޯތި ލިބުނު މީހުންނަށް، އަދުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެދަށުން ފްލެޓަށް ކުރިމަތިލެވޭގޮތަށް ހުޅުވާލަން ނިންމާފަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ސިޔާސަތަށް މިހާތަނަށްވެސް އެކި ބަދަލުތައް ގެންނަން ނިންމާފަވަނީ ރައްޔިތުންނާއެކު ކުރިއަށްގެންދިޔަ އެކި ބައްދަލުވުންތަކުގައި އެގޮތަށް އެދެމުންދާތީކަމަށެވެ.

މިހާރު ދޭން ނިންމާފައިވާ ފުރުޞަތަކީވެސް ރައްޔިތުން އެކަމަށް އެދެމުންދާތީ ގެނައި ބަދަލެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅުންވެސް ބިން ލިބުނު މީހުންގެ ތެރޭގައި ނިކަމެތި އާއިލާތައް އެބަތިބިކަމަށެވެ. އަދި ހިއްކައިގެން ތަރައްޤީކުރާ ތަންތަން ތަރައްޤީކުރުމަށްވެސް އަދި ވަގުތު ނަގާކަމަށެވެ.

އެހެންކަމުން، މާލެ ސަރަޙައްދުން ފްލެޓް ހޯދުމުގެ މި ފުރުޞަތަކީ، ގެ އެޅުމަށް މާލީ ތަނަވަސްކަން ނެތް މީހުންނަށްވެސް ލިބިގެންދާ ވަރަށް ބޮޑު ފުރުޞަތެއްކަމަށެވެ. ރައީސް ވިދާޅުވީ މީގެ ކުރީ ކޮންމެ ސަރުކާރެއްގެ ކޮންމެ ސްކީމަކުން ގޯތި ލިބުނު މީހުންނަށްވެސް، އެ ގޯތި ދޫކޮށްލާ ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ލިބޭނެކަމަށެވެ.

"އިމާރާތްކުރުމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާ، އަދި ގިނަ ދުވަސް ނަގާނެ. އެހެންވީމަ ރައްޔިތުން އެބަ އެދެމުންދޭ، އެތަންތަން ދޫކޮށްލާފައި ފްލެޓަށް ކުރިމަތިލެވިދާނެތޯ. އެހެންވީމަ އެ ފުރުޞަތު ދޭން ސަރުކާރުން މި އުޅެނީ. ޕޯޓަލްގެ ތެރެއަށް ސްކީމް އިތުރުކުރުމުގެ މަސައްކަތްތައް އެދަނީ ކުރަމުން. 2-3 ހަފްތާ ތެރޭ ހުޅުވާލެވޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފްލެޓް ދޫކުރާނީ، ކުރިން ލިބުނު ބިން ދޫކޮށްލާ އުސޫލުންކަމަށެވެ. ސަރުކާރުން ވަނީ ޖޮއިންޓްކޮށް ގޯތި ލިބުނު މީޙުންވެސް، އެންމެން އެއްކޮށް ގޯތި ދޫކޮށްލާނަމަ ވަކިން ގޯއްޗަށް ހުށައެޅުމުގެ ހުޅުވާލާފައެވެ. ރައީސް ވިދާޅުވީ މިގޮތަށް ވަކިވާ މީހުންނަށްވެސް ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ad