މާލެ، މާފަންނު، އިއްޒުއްދީންމަގާއި ފުލޫނިޔާމަގު ގުޅުނު ކަންމަތީގައި ހުންނަ "ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ގުދަނުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެކަން ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ޚާއްސަ ތަހުގީގެއް ފަށައިފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނުގައި ވަނީ، އެ ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ރޭ 21:57 އެހައިކަންހާއިރު ފުލުހުންނަށް ލިބުމައެކު ފުލުހުންނާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސަާވިސްގެ ޓީމުތަކުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ކޮށް، އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
އަލިފާން ރޯވި ގުދަނަކީ އެކި ބާވަތްތަކުގެ ގަސްކާނާއާއި، ޕެސްޓިސައިޑްސްއާއި، ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއްވެސް ހުރި ތަނެކެވެ.
ފުލުހުން ބުނީ، މި އަލިފާނުގެ ހާދިސާގައި، އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސިފައިންގެ މީހަކަށް އަނިޔާވެގެން، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ.
މި ހާދިސާގެ ސަބަބުން ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ސަރަހައްދުގައި ހުރި 13 ސައިކަލަކަށާއި، ޕިކަޕަކަށާއި، ކުންފުނީގެ ވޭނަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
ގުދަނުގައި ހުރި ކެމިކަލްތަކުގެ ސަބަބުން އުފެދުނު ނުރައްކާތެރި ދުމުގެ އަސަރު ކޮށްފާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކު ވަނީ އެ ސަރަހައްދުން ބަދަލުކޮށްފައެވެ.
ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު މި ހުރިހާ ފަރާތްތަކަށްވެސް މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.
ފުލުހުން މިހާރު ގެންދަނީ ހާދިސާ ހިނގި ސަރަހައްދު ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށާ މި ނުރައްކާތެރި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށްޓަކައި ކުރަންޖެހޭ އެންމެހައި ތަހުގީގުތައް ފުލުހުން ކުރިއަށް ގެންދާ ކަމަށް އެ އުދާރާއިން ބުނެއެވެ.

