ށ.ފޯކައިދޫގައި ފުލުހެއްގެ ސައިކަލެއް ރޯކޮށްލީ ސީދާ އެ ފުލުސް އޮފިސަރަށް އަމާޒުކޮށްގެން ކަމަށް މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ށ.ފޯކައިދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައިވާ މައްސަލައިގައި މިހައިތަނަށް ބެލި ބެލުމުން، އެއީ ފުލުސް އޮފިސަރަށް އަމާޒު ކޮށްގެން ގަސްތުގައި ހިންގާފައިވާ ޢަމަލެއް ކަން އެނގިފައިވާ ކަމަށެވެ.
ފުލުސް އޮފިސަރުގެ ގޭވެ ދޮރުމަތީގައި ހުރި ސައިކަލުގައި ރޯކޮށްލާ، ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައިވާއިރު، އެ ގޭގެ ގޭޓު ހިމެނޭހެން ގޭގެ ބައެއް ސަރަހައްދުތަކަށް ވަނީ އަލިފާނުގެ ސަބަބުން ގެއްލުންވެފައިކަމަށް ފުލުހުން އޭރުވެސް ބުނެފައިވެއެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންދާ ކަމަށާއި އެ އަމަލު ހިންގި ފަރާތް ހޯދާ، ޤާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، ޤާނޫނު ތަންފީޒު ކުރާ މުވައްޒަފުންނަށް އަމާޒުކޮށް ހިންގާ ބިރުދެއްކުމުގެ އެފަދަ ޢަމަލުތައް ފުލުހުންގެ ޚިދުމަތުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެއީ މުޅި މުޖުތަމަޢުގެ ސަލާމަތާއި، ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ޤަބޫލު ކުރައްވާ ކަމަށެވެ.
ކުށްކުރާ ފަރާތްތަކުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ބިރުދެއްކުމަށް ހިންގާ ޢަމަލުތަކުގެ ސަބަބުން ޤާނޫނު ތަންފީޒު ކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށްވެސް ބުނެއެވެ.
ފުލުހުން ބުނީ، ފުލުހުންނަށް އަނިޔާ ކުރުމާއި ބަދަލު ހިފުމުގެ ރޫހުގައި ހިންގާ ކޮންމެ އަމަލަކާމެދު ފަސްޖެހުމެއްނެތި ޤާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަން ދޭ ކަމަށެވެ.

