ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދޫކޮށްފައިވާ ސޯޝަލް ހައުސިންގް ފްލެޓްތައް ސަބް-ލީސް ކުރުމަކީ ނުވަތަ އެހެން ފަރާތްތަކަށް ކުއްޔަށްދޫކުރާ ފަރާތްތައް 50,000 ރުފިޔާއިން ޖޫރިމަނާކޮށް ފްލެޓް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ އެމްޑީ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެފްޑީސީ ފްލެޓުތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ނުދެވޭނެ ކަމަށާއި، ފްލެޓު ކުއްޔަށްދޭން ޖެހި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އެގޮތަށް ފްލެޓު ކުއްޔަށް ދިނުމަކީ ފްލެޓު ހަވާލުކުރާއިރު ވެފައިވާ އެއްބަސްވުމާވެސް ހިލާފު ކަމެއްކަން ފާހަގަކުރެއްވައި ހަމްދާން ވިދާޅުވީ، ފްލެޓު ކުއްޔަށް ދޫކުރާ ފަރާތްތައް ބައިލައްކަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް އެ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރާނެ ކަމަށެވެ. އަދި ދައުލަތުން ބޮޑު ސަބްސިޑީއެއް ދީގެން ހަދާފައިވާ އެފަދަ ސޯޝަލް ހައުސިންގް ފްލެޓްތައް ބޮޑު އަގުގައި ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކުރުމަކީ އެ ފަދަ މަޝްރޫއުތަކުގެ އަސްލު މަގްސަދު ގެއްލޭ ކަމެއް ކަމަށާއި، ފައިދާ ހޯދުމަށް ކުރާ ވިޔަފާރިއަކަށް އެފަދަ ފްލެޓުތައް ބަދަލުކުރުމުން އެ އަރައިގަނެވެނީ ކޮންމެ ދިވެހި ރައްޔިތެއްގެ ހައްގަކަމަށް ކަމަށް ހަމްދާން ވިދާޅުވިއެވެ.
އެފްޑީސީ ފްލެޓުތަކުގެ އިތުރުންވެސް، ސޯޝަލް ހައުސިންގެ ދަށުން ސަރުކާރުން ތަރައްގީކޮށް ވަކި ޝަރުތުތަކެއް ހަމަވާ ފަރާތްތަކަށް ދޫކޮށްފައިވާ ފްލެޓުތައް އެ ފަރާތްތަކުން ބޮޑު އަގުގައި ކުއްޔަށް ދޫކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ.އެގޮތަށް ފްލެޓު ކުއްޔަށް ދޫކުރާނަމަ އެއްބަސްވުން ބާތިލުކޮށް ފްލެޓު އަތުލާނެ ކަމަށް އެފްޑީސީން މީގެ ކުރިންވެސް ވަނީ ބުނެފައެވެ.
އެގޮތުން، އެފްޑީސީގެ "އަމާން އުދަރެސް"ގެ ފްލެޓެއް ބިދޭސީންގެ ލޭބާ ކުއާޓާ ހެދުމަށް ކުއްޔަށް ދިން މައްސަލައިގައި މިއަހަރު ވަނީ އެތަނުގެ ވެރިމީހާ ބައި ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި އެތަނުން ބިދޭސީން ނެރެ، އެ ފްލެޓުގައި މިހާރު ދިރިއުޅެނީ ފްލެޓުގެ ވެރިފަރާތުންކަން ވެސް އެފްޑީސީން ވަނީ ކަށަވަރުކޮށްފައެވެ.
