logo

"ހަލާލް ޓޫރިޒަމް" ތަރައްޤީކުރުމަށް ދޮންހެރަ ހުޅުވާލައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ދުވަސް ކުރިން
އައްޑޫ އަތޮޅުގެ ދޮންހެރަ

އައްޑޫ އަތޮޅުގެ ދޮންހެރަ

ދޮންހެރަ "ހަލާލް ޓޫރިޒަމް" ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އައްޑޫ ސިޓީގެ ހަންކެޑަ ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން އާ ސިޔާސަތެއް ތަންފީޒުކުރަން ނިންމައިފައިވާ ކަމަށެވެ. މިގޮތުން، އެރަށް ތަރައްޤީކުރުމަށް ކުރިން ވެފައިވާ އެއްބަސްވުންތައް ބާޠިލުކޮށް، އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ބީލަމުގެ އުސޫލުން ތަރައްޤީކުރުމަށް ވަނީ ހަމަޖައްސާފަކަމަށާއި، މީގެ އިތުރުން، ހަންކެޑަގެ ބަދަލުގައި، އައްޑޫ އަތޮޅުގެ ދޮންހެރަ "ހަލާލް ޓޫރިޒަމް" ތަރައްޤީކުރުމަށް އެވުޒާރާއިން ވަނީ ބީލަމަށް ހުޅުވާލާފަކަމަށެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާ ދެމެދު އައްޑޫ ސިޓީގެ ހަންކެޑަ ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުން، 28 ސެޕްޓެންބަރު 2025 ގައި ބާޠިލުކުރުމަށް ވަނީ ނިންމާފަ ކަމަށެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 25/2025 (1 އޮކްޓޫބަރު 2025) އިން، އައްޑޫ ސިޓީގެ ހަންކެޑައަކީ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅި ޤަރާރު ވެސް އުވާލެވޭނެއެވެ. އަދި އެރަށް "ހަލާލް ޓޫރިޒަމް" ތަރައްޤީކުރުމަށް ހުޅުވާލެވުނު ރަށްތަކުގެ ލިސްޓުން ވެސް ވަނީ އުނިކޮށްފައެވެ.

މި ބަދަލުތަކާއެކު، އައްޑޫ ސިޓީގެ ހަންކެޑަ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބަލަންޖެހޭ އެންމެހައި ކަންކަން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން ބަލަމުންދާކަމަށާއި، އަދި ބީލަމުގެ އުސޫލުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުޅުވާލުމުގެ އެންމެހައި މަސައްކަތްތައް ވެސް މިނިސްޓްރީއިން ދަނީ ކުރަމުން ކަމަށެވެ. މިނިސްޓްރީގެ އަމާޒަކީ އެ ރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިހާރު ހިނގަމުންދާ އަހަރުގެ ތެރޭގައި ފެށި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިދައުރުގައި މިރަށް އޮޕަރޭޝަންސްއަށް ގެނައުމެވެ.

ހަންކެޑަގެ ސިޔާސަތަށް މި ބަދަލުތައް އައުމާއެކު، "ހަލާލް ޓޫރިޒަމް" ތަރައްޤީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް، އައްޑޫ ސިޓީގެ ދޮންހެރަ (LD1453 ގައިވާ ރަށާއެކު އެވުޒާރާގެ ފަރާތުން ވަނީ ބީލަމަށް ހުޅުވާލާފައެވެ. މިކަމުގެ ސަބަބުން، ދެކުނުގެ ޓޫރިޒަމް ދާއިރާ އިތުރަށް ތަރައްޤީވެ، ގިނަ ފުރުޞަތުތަކެއް ހުޅުވޭނެ ކަމަށް ބެލެވޭކަމަށް ވެސް އެމިނިސްޓްރީން ވަނީބުނެފައެވެ.

ad