ވައިބަރ މެދުވެރިކޮށް ފޮނުވި ލިންކެއް ބޭނުންކޮށްގެން މީހެއްގެ ބެންކު އެކައުންޓުން މަކަރާއި ހީލަތުން 50,000 ރުފިޔާ ހޯދި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. އޮމެގާ / މާލެ، މޫސާ މުޙައްމަދު (38އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ ދެ ވަނަ ދުވަހުއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުން، އެ ޚިދުމަތުގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު މޫސާ މުޙައްމަދު ވަނީ ފޭސްބުކް މެސެންޖަރ މެދުވެރިކޮށް ވިކްޓިމްއާ ގުޅުން އުފައްދާފައެވެ. އަދި ވައިބަރ މެދުވެރިކޮށް މޫސާ މުޙައްމަދު އެ މީހާއަށް ފޮނުވި ލިންކަކަށް ފިތައިލުމުން ފޯނު ރީސެޓުވެ، އެ މީހާގެ ބެންކު އެކައުންޓުގައި ހުރި 50,000 ރުފިޔާ ވަނީ ކެނޑިފައެވެ. އެ ފައިސާ ޖަމާވެފައި ވަނީ މޫސާ މުޙައްމަދުގެ ނަމުގައިވާ އެކައުންޓަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ނުދަންނަ ފަރާތްތަކުން ފޮނުވާ ޝައްކުކުރެވޭ ލިންކުތަކަށް ނުފިތުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

