ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމުގައިވާ ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން. އެޗް. ޖީ. އޭ. އެމް) ގެ ފަރާތުން އިސްނަގައިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، މަޓާޓޯ އަދި ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ބައިވެރިވުމާއެކު މެލޭޝިޔާގައި ރޯޑް ޝޯއެއް ބާއްވައިފިއެވެ.
މި ރޯޑް ޝޯ ބާއްވާފައިވަނީ މިހުގެ 15 ވަނަ ދުވަހު މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރުގައެވެ.
ކުއަލަލަންޕޫރުގެ ހޮޓެލް ބުކިޓް ބިންގްތަންގައި އިންތިޒާމް ކުރެވުނު، އެއްދުވަހުގެ މި ރޯޑް ޝޯގެ މަގްސަދަކީ ދިވެހިރާއްޖޭގެ ހޮޓާތަކާއި ގެސްޓްހައުސްތައް މެލޭޝިޔާގެ ފަތުރުވެރިންނަށް އިޝްތިހާރު ކުރުން ކަމަށް ވިޒިޓް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ. އެގޮތުން މެލޭޝިޔާގެ ގިނަ އަދަދެއްގެ ޓުއަރ އޮޕަރޭޓަރުން މި ރޯޑް ޝޯއަށް ޒިޔާރަތް ކުރިކަން ވިޒިޓް މޯލްޑިވްސް އިން ވަނީ ފާހަގަކޮށްފައެވެ. " އައި އެމް މޯލްޑިވްސް " ގެ ނަމުގައި މެލޭޝިޔާގައި ބޭއްވުނު މި ހަފްލާ އިފްތިތާޚް ކޮށްދެއްވަމުން މެލޭޝިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެޒެންޓެޓިވް އަލްފާޞިލް އައްބާސް އާދިލް ރިޒާ، މެލޭޝިޔާއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު، ޑރ. މަރިޔަމް ޝަބީނާ އަޙްމަދު ގެ ފަރާތްޕުޅުން މެސެޖެއް ދެއްވިކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.
މި މެސެޖްގައި، 2025 ވަނަ އަހަރު ހައިކޮމިޝަނާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން. އެޗް. ޖީ. އޭ. އެމް) އާ ދެމެދު ބޭއްވުނު ބައްދަލުވުމުގެ ނަތީޖާ މިހާ އަވަހަށް ހަގީގަތަކަށް ހައްދަވައިދެއްވިކަމަށް ޓަކައި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަލްފާޞިލް އަބްދުﷲ ނަޝީދަށާއި، ނައިބުރައީސް އަލްފާޞިލް އަޙްމަދު ވަހީދަށް އަދި ޖަމިއްޔާގެ އެންމެހައި ހީވާގި މެންބަރުންނަށް ވަރަށް އިޙްލާސްތެރިކަމާއެކު ޝުކުރުދެންނެވިއެވެ.
އަދި މެލޭޝިޔާ އަކީ މިއަދު ދިވެހިރާއްޖެއާއި ވައިގެ ގުޅުން އެންމެ ރަގަޅު ގައުމު ކަމަށާއި، މެލޭޝިޔާގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން މިއީ ވަރަށް ރަގަޅު ވަގުތެއްކަމުގައި ސަފީރުގެ މެސެޖުގައި ފާހަގަކުރެއްވިކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.
މި އިވެންޓަކީ ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ހޮޓެލް އަދި ގެސްޓް ހައުސްތަކެއްގެ މަންދޫބުންނާ އެކު، ދިވެހިރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ގޮތުން މެލޭޝިޔާގައި ބޭއްވޭ މިފަދަ ފުރަތަމަ ހަރަކާތެވެ. ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން. އެޗް. ޖީ. އޭ. އެމް) ގެ ފަރާތުން ބުނީ އެ ޖަމިއްޔާގެ މެންބަރުންގެ ފުރިހަމަ ސަޕޯޓް އިވެންޓަށް އޮތް ކަމަށާއި މި އިވެންޓްގެ ސަބަބުން މެލޭޝިޔާގައި ރާއްޖޭގެ ޓޫރިޒަމަށް އޮތް ޑިމާންޑް އިތުރުވެގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށެވެ. މި ގޮތުން، ކޮންމެ އަހަރަކުވެސް މެލޭޝިޔާގައި މިރޯޑް ޝޯވް ކުރިޔަށް ގެންދިއުމަށް އެފަރާތުން ޝައުގު ވެރިކަން ފާޅުކޮށްފައިވާކަމަށް ވިޒިޓް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ.
މި އިވެންޓް ނިންމާލުމުގެ ރަސްމިއްޔާތުގައި މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކިޔަވާކުދީންގެ އެސޯސިއޭޝަނުގެ ފަރާތުން ދިވެހި ސަޤާފީ ނެށުމެއްވެސް ހުށަހަޅައިދީފައިވެއެވެ.
